ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.
އޮންލައިން ނޫހެއް ކަމަށްވާ “ވީނިއުސް” އަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯއާ އެއްގޮތަށް އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރުމުގެ ގޮތުން ފަސް އެއާޕޯޓެއް އަޅާނެ ކަމަށާއި އެއީ މިހާރު އެއާޕޯޓު ނެތް އަތޮޅުތަކުގައި އަޅާ އެއާޕޯޓުތަކެއް ކަމަށެވެ.
ކުޅުދުއްފުއްޓަކީ ވެރިކަމުގެ ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު އެޅުމަށް ވައުދުވެފައިވާ ރަށެއް ކަމަށާއި އަލަށް އަޅާ ފަސް އެއާޕޯޓުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓު ހިމެނޭ ކަމަށް ސާމީ އަގީލާ ހަވާލާދީ ވީނިއުސްގައި ވަނީ ބުނެފައި ވެއެވެ.
ކޮންމެ ރަށަކަށް ވެސް ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ އާ ސަރުކާރުގެ އަމާޒެއް ކަމަށާއި އެއާޕޯޓް ހެދޭނީ ސަރުކާރަށް ފައިދާވާގޮތަކަށް ކަމަށްވާތީ އެއާޕޯޓެއް ހަދާއިރު ޓޫރިޒަމަށާއި އެ އަތޮޅެއްގެ އާބާދީއަށް ބަލާނެ ކަމަށް ސާމީ ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ އެއާޕޯޓް އަޅާނެ ރަށްތައް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށްވެސް ސާމީ ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައިވާ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި ރީޖަނަލް އެއަރޕޯޓެއް އަޅާނެ އެވެ. ކުޅުދުއްފުށީގައި އަޅާ އެއަރޕޯޓާބެހޭ ގޮތުން އިތުރު މައުލޫމާތެއް މި ނޫހަށް ވަނީ ލިބޭގޮތް ނުވެފައެވެ.