މަނާ ކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ކުށް ކުޅުދުއްފުށި، ގުލާބީގެ، އަބުދުއްސައްތާރު އަލީ (ސަޓޯ) (43އ) ގެ މައްޗަށް ސާބިތުވެ، 75000ރ. އިން ޖޫރިމަނާ ކޮށް 18 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލު ކޯޓުން ހުކުމް ކޮށްފި އެވެ.
ސަޓޯގެ މައްޗަށް މިއަދު ކުރިމިނަލު ކޯޓުން ކޮށްފައިވާ ހުކުމް ގައިވަނީ މ.ކުދެހިގެ ޙުސައިން އާޠިފް އާއި ހދ.ކުޅުދުއްފުށި ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީއާ ގުޅިގެން 2011 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާކަން، އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސަބިތުވާ ކަމަށެވެ.
މި މައްސަލައިގެ ކުށް މި ދެމީހުންގެ މައްޗަށް ސާބިތުވާތީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ގެ 109 ވަނަ މާއްދާގެ (ށ) ގެ ދަށުން މަސްތުވާއެއްޗެއް ޓްރެފިކްކުރަން އުޅުމުގެ ކުށުން ޙުސައިން އާޠިފް އާއި ޢަބްދުއްސައްތާރު ޢަލީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން މި ދެމީހުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75000ރ. ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި މި ޖޫރިމަނާ ފައިސާ ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ޚަލާޞްކުރުމަށް މި ދެ މީހުންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވެއެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަޓޯގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ބޮޑު ގުރޫޕެއް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ގްރޫޕުގެ ތެރެއިން މައްސަލަ ސާބިތުވެފައިވަނީ ސަޓޯގެ އިތުރުން މާލެ ލޮނުމިދިލިގެ، އިބްރާޙީމް ޝަފާޒް ޢަބްދުއްރައްޒާޤް (32އ) އާއި ތ.ތިމަރަފުށި ކަރަންކާވިލާ، އިސްމާޢީލް ޝަހީމް (32އ) އާއި ހ.ގަސްވާ، މުޙައްމަދު މީޢާދު (35އ) އާއި ގދ.ފިޔޯރި، އެވަރެސްޓް، އަނަސް އަނީސް (21އ) އާއި މ.ކުދެހިގެ، ޙުސައިން އާޠިފް (27އ) ގެ މައްޗަށެވެ.
އަބްދުއްސައްތާރު އަލީ ވަނީ މީގެ ކުރިން ވަގު ނޫޓު ގެންގުޅުމުގެ ކުށުގައި ވެސް ޖަލަށް ލައިފައެވެ. އެހެންނަމަވެސް ރައީސުލްޖުމުހޫރިއްޔާގެ އަފޫ އާއްމުގެ ދަށުން އޭނާގެ ޖަލު މުއްދަތުގެ ބޮޑުބައެއް ވަނީ މާފުކޮށްދީފައެވެ.