ކުޅުދުއްފުށީގައި އޯޓިޒަމަށް ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާއިރު އެ ދިރާސާ ކުރުމަށްޓަކައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ފަށާފައިވާ ކަމަށް، ކުޅުދުއްފުށީގައި އަންނަ އަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގައި ހަރަކާތްތެރިވާ ފަރާތުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު (އަބްސީ) ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލްމަހު ފާހަގަ ކުރާ އޯޓިޒަމް ހަފްތާ ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ދިރާސާގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
އަބްސީ ވިދާޅުވީ އޯޓިޒަމަށް ހޭލުންތެރިކަން ހުރި މިންވަރު “ކޮލިޓޭޓިވް އެނާލިސިސް” އެއްގެ ގޮތުގައި ތައްޔާރުކުރުމަކީ ދަތިކަމެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ލަފާދެއްވާފައިވާ ކަމަށާއި “ކުއަންޓިޓޭޓިވް ޑޭޓާ” މި ދިރާސާގައި ހިމެނޭނެ ކަމަށެވެ.
“އަޅުގަނޑުމެން މި ދިރާސާ ކުރުމަށް ބޭނުން ކުރާނެ ސުވާލުތައް ތައްޔާރުކޮށް ކަމުގެ އިލްމުހުރި ފަރާތްތަކާއި މަޝްވަރާ ކުރަމުން މިދަނީ. ސުވާލުތަކުގެ ފައިނަލް ކޮޕީ ލިބި ޑިސެމްބަރުގެ ތެރޭގަ ޑޯޓުޑޯ ފެށޭނެ ކަމަށް މިބަލަނީ.” އަބްސީ ވިދާޅުވިއެވެ.
ސާޅީސް ވޮލަންޓިއަރުންގެ އެހީގައި ކުރެވޭ ސާވޭގެ ސަބަބުން ކުޅުދުއްފުށީގައި ތިބި އޯޓިޒަމް ކުދިންގެ “ފިގަރ” ތައް އެނގިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އޯޓިޒަމް ހަފްތާ ފާހަގަކުރުމުގައި ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއި ސްޕޮންސަރ ހޯދުމަށް ފަސޭހަ ވެގެންދާނެކަން އަބްސީ ވިދާޅުވި އެވެ.
އަންނަ އަހަރު ކުޅުދުއްފުށީގައި އޯޓިޒަމް ހަފުތާ ފާހަގަ ކުރުމަށް ގިނަ ކަންތައްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.