ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރާއި ފިނޭ ކައުންސިލާ ގުޅިގެން ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
އެގޮތުން ފިނޭގައި ވަނީ އަންހެނުންނަން ކުރާ އަނިޔާ އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ސެމިނާއެއް ބާއްވާފަ އެވެ. މި ސެމިނާގައި އަންހެނުންނަން ކުރާ ޖިންސީ އަނިޔާއާއި ޖިސްމާނީ އަނިޔާ އަދި އިގުތިސޯދީ ގޮތުން ކުރާ އަނިޔާއާ ބެހޭ މައުލޫމާތު ބައިވެރިންނަން އެރުވި އެވެ. އަދި އަނިޔާއެއް ކަމަށް ބެލެވޭނެ ކަންތައްތަކާއި އަނިޔާގެ ބާވަތަކާ ބެހޭގެ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަން މައުލޫމާތު ވަނީ ހިއްސާ ކުރައްވާފަ އެވެ.
ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ހދ ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ފިނޭއަށް ކުރި ދަތުރުގައި، އަންހެނުންނަން ކުރާ އަނިޔާ އާއި ދެކޮޅަށް ލިޔެފައިވާ ބެނާއެއް ވެސް އެ ރަށުގައި ވަނީ ހަރުކުރެވިފަ އެވެ. މީގެ ބެނާއެއް ކުޅުދުއްފުށީގައިވެސް ވަނީ ހަރުކޮށްފަ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ މި ދުވަހުގެ ޕްރޮގްރާމުގެ ދަށުން 16 ދުވަހުގެ ހާއްސަ ކެމްޕޭނެއް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.