ހދ ނޮޅިވަރަންފަރުގައި އެއްބަނޑު އެއްބަފާ ދެބެއިންގެ މެދުގައި ހިނގި މާރާމަރީއެއްގައި ބޭބެގެ ބޯފަޅާލައިފި އެވެ.
މިރޭ 7 ޖަހާއެއީރު ހިނގި ކަމަށް ބެލެވޭ މި މާރާމާރީގައި ބޭބެގެ ބޯފަޅާލާފައިވަނީ ލަކުޑި ފަތިބުރިއަކުން ކަމަށް މައުލޫމާތު ލިބެއެވެ. މި މަރާމާރީ ހިނގަން މެދުވެރިވީ ކިހިނެތް ވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
މި މާރާމާރީގައި ޒަހަމްވެފައިވަނީ ނޮޅިވަރަންފަރު، ޕިންކުރޯސް، އަހުމަދު އަރީފެވެ. ހދ ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން ބުނީ ބޯފަޅައިގެން ގޮސްފައިވަނީ ބޮލުގެ ކަނާތް ފަރާތުން ކަމަށާއި ބެލެވޭ ގޮތުގައި ދޭއް ނުވަތަ ތިން ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގިނައިން ލޭ އަންނާތީ ފަޅައިގެން ގޮސްފައިވަނީ ކިހާ ފުންމިނަކަށް ކަމެއް ބުނަން އަދި ނޭގެ ކަމަށްވެސް ސިއްހީ މަރުކަޒުން ބުނެއެވެ.
މި މާރާމާރީއާ ގުޅިގެން ޒަހަމްވި މީހާގެ ބޮލުން ލޭ މަނާ ނުވުމުގެ ސަބަބުން މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައެވެ.
މިނޫހަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ރައްޔިތަކު ބުނީ މިރޭގެ މާރާމާރީގައި ޒަހަމްވި ޒުވާނަކީ އުފެދުމުގައި މުޅިން ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި ދޭތެރެ ދޭތެރެއިން އެގޭގައި ޒުވާބުކޮށް މާރާމާރީއަކާ ހިސާބަށްވެސް ދާކަމަށެވެ.
ސިއްހީ މަރުކަޒަށް އަރީފް ގެންދިޔައިރު ގިނަ އަދަދެއްގެ ލޭ އެ ސަރަހައްދުގައި ހުރިކަމަށް މަންޒަރު ދުށް މީހުން މި ނޫހަށް މައުލޫމާތު ދިނެވެ.
މި މައްސަލަ މިހާރު އަންނަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.