ނޮޅިވަރަންފަރުން އަބްދުލް ވާހިދު ހަސަން
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2009 ވަނަ އަހަރުގެ ފަހު ކޮޅު ނޮޅިވަރަންފަރުގައި އެޅުމަށް ނިންމި 46 ހައުސިން ޔުނިޓު އެޅުމަށް، އެ ރަށަށް އައި ޗައިނާ ކުންފުނީގެ މީހުން ތިބުމަށާއި އިމާރާތްކުރާ ވަސީލަތްތައް ބެހެއްޓުމަށް ހެދި ތަނަކީ އެރަށުގެ ރައްޔިތުންގެ ބަހުން ނަމަ ” ޗައިނާ ސައިޓް” އެވެ.
ހައުސިން ޔުނިޓުތައް އެޅުމަށް ފަހު 2012 ވަނަ އަހަރުގެ ކުރީ ކޮޅު ސައިޓު “އެހުރިގޮތަށް” ދޫކޮށްލުމަށް ފަހު ކުންފުނީގެ މީހުންތައް ވަނީ ރަށުން ފައިބާފަ އެވެ. އެ ކުންފުނީގެ މީހުން ދިޔައިރު އެ ސައިޓުގައި އިމާރާތް ކުރުމަށް ބޭނުންކުރާ ތަފާތު އަގު ބޮޑެތި މުދާ އެތަނުގައި ހުއްޓެވެ. އޭގެ ތެރޭގައި 100 ވޯޓުގެ 2 ޖަނަރޭޓަރާއި އިތުރު ކުޑަ ޖަނަރޭޓަރަކާއި ސީލިންގް ކުރުމަށް ބޭނުންކުރާ އެލްމެނިއަމް ފައްޗާއި ހޮޅިއާއި ފާހާނާ ތައްޓާއި އެޅިގާގެ ކޮލިޓީ ބަލާ މެޝިނަކާއި ވެލްޑިން ރޮޑާއި ޓިނު، ކޮންކްރީޓް މެޝިން، ތާރު، ކޮންކުރިޓް ދަނގަޑާއި އަދިވެސް މިފަދަ އަގު ހުރި ކިތައްމެ މުދަލެއް ހުއްޓެވެ.
އެހެންނަމަވެސް ޗައިނާ ސައިޓަށް އެކިފަހަރުމަތިން ވަގުން ވަދެ ތަނަށް ގެއްލުންދީ ތަނުގައި ހުރި ގިނަ މުދާތަކެއް ވަނީ އަންދާ ރޯކޮށް، ހަލާކުކޮށްފަ އެވެ. ބައެއް މުދާތައް ލޫޓުވާލެވިފައިވާއިރު އަގު ބޮޑެތި މުދާތައް އަޅާނުލާ އުކާލާފާ ހުރީ ވެސް މަދެއްކޮށެއް ނޫނެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހަސަން ވިދާޅުވީ ޗައިނާ ސައިޓުގަ ހުރި އަގު ބޮޑެތި މުދާ ތައް ހަލާކު ކޮށްލާފާ ހުރުމަކީ ކައުންސިލުން ނުހަނު ހިތާމަ ކުރާ ކަމެއް ކަމަށެވެ.
“އަޅުގަނޑުމެން ހީކުރީ އެތަނުން (ޗައިނާ ސައިޓް) މީހުން ގޮސްފައިވަނީ އެތަން ބެލެހެއްޓުމަށް މީހަކާ ހަވާލު ކޮށްފަ ކަމަށް. އަޅުގަނޑު ހަނދާން ވާން ގޮތުން އެތަން ފަޅާލައި ފުރަތަމަ އެތަނުން ވައްކަން ކޮށްފައިވަނީ ކޮންމެވެސް ބަންދަކު” ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ އެތަން ފަޅައިލާ، ވައްކަން ކުރިކަމުގެ މައުލޫމާތު ކައުންސިލަށް ލިބުމާއެކު އެކަން ފުލުހުންނަށް އެންގި ކަމަށާއި އެހެންނަމަވެސް އެތަނުގައި ހަވާލުވާނެ އެއްވެސް މީހަކު ނެތުމުން މައްސަލަ ނުބެލޭނޭ ކަމަށް ފުލުހުން ބުނިކަމަށް ނައިބު ރައީސް މުހައްމަދު ވިދާޅުވި އެވެ.
“އަޅުގަނޑުމެންނަން ޗައިނާ ސައިޓުން ވައްކަން ކުރިކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނަން އެކަން ރިޕޯޓް ކުރުމުން އެބޭފުޅުން އައިސް ބެލުމުން އެތަނަން ވަގު ވަދެފައިވަނީ ދޮރެއް ހަލާކު ކޮށްލައިގެން ކަން އެގުނީ. އަދި ފުލުހުން މައްސަލަ ތަޙްގީގު ކުރުމަށްޓަކައި އެތަނާ ހަވާލުވެފައިވާ ހުރިތޯ ބަލާ ނުފެނުމުން އަޅުގަނޑުމެންނަން ވެސް އެގުނީ އެތަން ހުރީ އެއްވެސް މީހަކާ ހަވާލު ނުކޮށްކަން. އަދި ފުލުހުން އެންގީ އެތަނުގެ ހަވާލުދާރީ އެއްނެތުމުން މައްސަލަ ނުބެލޭނެ ކަމަށް” މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނާ ހަވާލުވެ މީހަކު ނެތުމުން މައްސަލަ ތަހުގީގު ނުކުރެވޭނޭ ކަމަށް ފުލުހުން ބުނުމުން، އެކަން ގިނަ ބަޔަކަށް އެނގި ޗައިނާ ސައިޓަށް ވަގުން ވަނުން ބޮއްސުންލީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކައުންސިލުން އެމުދާތައް ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ހައުސިން މިނިސްޓްރީއާ ވެސް އެކަމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
ޗައިނާ ސައިޓަކީ އެތައް މިލިއަން ރުފިޔާގެ މުދާ ހުރިތަނެއް ނަމަވެސް މިއަދު އެތަން ފެންނަނީ ވީރާނާ ވެފައިވަނިކޮށެވެ. ޒިންމާ ނަގާނެ ފަރާތެއް ނެތް ނަމަވެސް ކޮންމެވެސް ބައެއްގެ އިހުމާލުން އެއަގު ބޮޑު މުދާ ތައް މިއަދު ވަނީ ހަލާކު ކޮށްލާފާ އެވެ. ކައުންސިލުގެ ބަސްމަގު މިހެން ހުރިނަމަވެސް ކައުންސިލުން މިކަމަށް ޒިންމާވާ ޖެހޭނެ ކަމަށް ރަށުގެ ގިނަ ރައްޔިތުން ބުނެއެވެ.