ވަޔަރ ލެސް ޗާޖަރުތަކަކީ ބާޒާރުގައި މިހާރު އާއްމުވަމުން އަންނަ ޑިވައިސްތަކެވެ. މިގޮތުން ތަފާތު ބްރޭންޑް ތަކުގެ ފޯނުތަކާއި އައި ޕެޑާއި، އައި ޕޮޑު ފަދަ ޑިވައިސްތަކަށް ބޭނުން ކުރެވޭނެ ވަޔަރ ލެސް ޗާޖަރުތައް މިވަނީ ދިވެހިންގެ ތެރެއަށްވެސް އަންނަން ފަށާފައެވެ.
އެގޮތުން މިފަހަރު މިއޮތީ މުޅިން ހައިރާން ކުރުވަނިވި ޗާޖަރެއްގެ ވާހަކައެވެ. ރޭބެން އަވި އައިނުގެ ވާހަކައެވެ. ޖަރުމަނުގެ ހަމްބާރގްގައި އާރޓް ޑިރެކްޓިންގެ ދާއިރާއިން ކިޔަވަމުންދާ އިންޑިއާގެ ކުއްޖެއް ކަމުގައިވާ ސަޔާލީ ކަލުސްކާ ވަނީ ރޭބަން އައިނެއްގައި އައިފޯން ޗާޖް ކުރެވޭނެ ގޮތްތައް ހިމެނޭ ޑިޒައިން އެއް ހަދާފައެވެ.
ސަޔަލީގެ ޑިޒައިންގައި އަވިއައިނުގެ ދުނިގަނޑުގައި ވަނީ ސޯލާ ޕެނަލްއެއް ހަރުކޮށްފަ އެވެ. އަދި އަވީގައި އުޅޭގަޑީގައި އެ ސޯލާ ޕެނަލްގެ އެހީގައި އައިފޯނުގެ ބެޓެރިއަށް ބޭނުންވާ ހަކަތަ ރައްކާކުރެވެއެވެ. އަދި ފޯނު ޗާޖު ކުރަން ބޭނުންވެއްޖެ ހިނދެއްގައި އައިނުގެ ދުނިގަނޑު ނައްޓާލާ އައިފޯނު ލައިޓްނިން ޕޯޓަށް ޖެހުމުން ފޯނު ޗާޖު ވެގެންދެއެވެ.
މިގޮތަށް ފޯނު ޗާޖު ކުރެވުމަކީ ދަތުރު ތަކުގައި އުޅޭ ފަރާތްތަކަށާއި ގިނަވަގުތު ގެއިން ބޭރުގައި ވަގުތު ހޭދަކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމެކެވެ. އަދި ބަލާބެލުމަށް ރީތި އަދި އަޅައިގެން އުޅެން އުދަނގޫނޫން މިފަދަ ޗާޖަރެއްގެ މަގުބޫލުކަން ބަލާލަން ހުތުރު ގޫގުލް ގްލާސްއަށްވުރެ އިތުރުވާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ސަޔާލީ މިހާރު ވަނީ އޭނަގެ ވިސްނުން ރޭބަން ކުންފުންޏަށް ހުށަހަޅާފަ އެވެ.