ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ޕެޓިޝަނެއް ތައްޔާރުކުރާ ކަމަށް ރަށުތެރޭގައި ފެތުރެމުންދާ ވާހަކަތައް ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފިއެވެ.
ކުޅުދުއްފުށީގެ މީޑިޔާތަކަށް މައުލޫމާތު ދެއްވަމަށް މިއަދު އެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ކައުންސިލުގެ ރައީސް އަލީ ހަސަން ވިދާޅުވީ ރަށުތެރޭގަޔާއި ސޯޝަލް މީޑިޔާގައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ކައުންސިލު އިންތިޚާބުގައި ޕާޓީތަކުން ސޮއި ހޯދުމަށް ކުރާ މަސައްކަތަކީ މި ޕެޓީޝަނުގެ މަސައްކަތް ކަމަށް ހީވެފައި އޮތުމަކީ ގާތް ކަމެއްކަން އަލީ ވިދާޅުވި އެވެ.
އަލީ ހަސަން ވިދާޅުވީ އައު ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް ކުރުމަށް ރާވާފައިވާ ކަންކަމުގައި ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އައު ސަރުކާރުން އަދި އެއްވެސް މަޝްރޫއެއްގެ ވާހަކަ ކައުންސިލާ ހިއްސާ ކޮށްފައި ނުވާ ކަމަށާއި ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
“ބައެއް ފަރާތްތަކުން އެބަ ބުނޭ އަޅުގަނޑުމެން އެއާޕޯޓު އަޅަން ބިން ނުދައްކައޭ. އެއްވެސް އެއްބާރުލުމެއް ނުދެޔޭ. އެކަމަކު އައު ސަރުކާރުން ނެތް އިނގޭތޯ އަޅުގަނޑުމެންނާ މަޝްވަރާކޮށްފައެއް މި ކަންކަމަކާ. މަޝްވަރާ ކުރީމަނޫންތޯ ބިން ދެއްކޭނީވެސް..” އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އައު ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ކަމަށްވާ ފެނާ ނަރުދަމާއިން އަގު ކަނޑާލުމާ، ޕްރީ ސްކޫލު ތައުލީމަށް ފައިސާ ދައްކަން ނުޖެހި ތައުލީމު ހާސިލުކުރުން ފަދަ ވައުދުތައް ފުއްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ކުޅުދުއްފުށީގައި އެއާޕޯޓު އެޅި ތަނުގެ ސަބަބުން ޚިދުމަތް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މިއަދުގެ މި ބައްދަލުކުރުމުގައި ކައުންސިލް ރައީސްގެ އިތުރުން މެމްބަރު ޖަމްޝީދު މުހައްމަދާއި މެމްބަރު ޢަބުދުއްޝުކޫރު އަޙްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ކުޅުދުއްފުށީގެ ވިޔަފާރިވެރިއަކު އިސްވެ ހުރެގެން އެއާޕޯޓު އެޅުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ ކަމަށް ރަށުތެރޭގައި ހަބަރު ފެތުރިފައިވެއެވެ.