މިއަދާ ހަމައަށްއަވެސް އެޗްއައިވީ (އެއިޑްސް) އަށް އެންމެ އެދެވޭ ފަރުވާ އެއް ހޯދިފައެއް ނުވެއެވެ. ގިނަ އަހަރު ތަކެއް ވަންދެން އެޗްއައިވީ ބަލި މީހުންނަށް ފަރުވާ ދެމުން އައިސްފައި މިވަނީ އެންޓި ވައިރަލް ބޭހެއް ބޭނުން ކޮށްގެން ނެވެ. މި ބޭސްތަކުގެ އަސަރު ބައެއް ފަހަރަށް ތަފާތުވެގެން ދެއެވެ.
މިހާރު ނިއުޔޯކުގެ އަލްބާޓް އައިންސްޓައިން ކޮލެޖް އޮފް މެޑިސިންގެ ސައިންޓިސްޓުންތަކެއް މަސައްކަތް ކުރަމުން ދަނީ ބާރުގަދަ ރޭޑިއޭޝަނެއް ބޭނުން ކޮށްގެން އެޗްއައިވީ ބަލިމީހުންނަށް ފަރުވާއެއް ދިނުމަކީ މާ ރަނގަޅު ގޮތެއްތޯ ބެލުމަށެވެ. އަދި މިގޮތުން ހޯދި ހޯދުން ތަކުން މިއީ މާ ރަނގަޅު ފަރުވާއެއްކަން ހާމަވެފައިވެ އެވެ.
އެމީހުން ހޯދި ހޯދުންތަކުން ހާމަވި ގޮތުގައި އެންޓިވައިރަލް ބޭސްތަކާއި ރޭޑިއޭޝަން އެކުގައި ބޭނުން ކޮށްގެން ފަރުވާއެއް ދިނުމަކީ މާ ފައިދާ ހުރި ގޮތަކަށް ވާނެ އެވެ. މިގޮތުން މިފަދައިން ފަރުވާދިން ބަލި މީހުންގެ ގައިން އެޗްއައިވީ ވައިރަސް ނުފެންނަވަރަށް މަދުކުރެވިފައިވާކަން ހާމަވެފައިވެ އެވެ.
މީގެ އިތުރުން ރޭޑިއޯ އެކްޓިވް އެންޓި ބޮޑީސް ބޭނުން ކޮށްގެން ސިކުނޑީގައި ހުންނަ އެޗްއައިވީ ޖެހިފައިވާ ސެލްތައް ސިކުނޑިއަށް އިތުރު ގެއްލުމެއް ކުރިމަތި ނުކޮށް މަރާލާކަން ފާހަގަ ކުރެވިފައި ވެއެވެ.
އަލްބާޓް އެއިންސްޓަން ކޮލެޖުގެ ޑރ.އެކަޓެރިނާ ޑަޑަޗޮވާއަކީ ކުރިން ބުނެވި ދިޔަ ހޯދުންތައް ހޯދުމުގައި އެންމެ ކުރީ ސަފުގައި އުޅުއްވި ފަރާތެވެ.
ތިރީސް އަހަރު ވަންދެން އެޗްއައިވީ ވައިރަހަށް ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވިއަސް މިވައިރަހަށް ފަރުވާއެއް ލިބުމުގެ ފެހި ސިގްނަލް ފެންނަމުން ދާ ކަމުގައި ސައިސްވެރިން ދެކެއެވެ.
އެންޓިވައިރަލް ބޭސްތަކުން މި ވައިރަހުގެ އަސަރު ވަގުތީ ގޮތުން ކަނޑާލިނަމަވެސް ބޭސް ހުއްޓާލާއިރަށް މި ވައިރަސް އިތުރަށް އާވެ އާލާވެގެން ދެއެވެ. ނަމަވެސް އެޗްއައިވީގެ އަސަރު ކޮށްފައިވާ 15 ފަރާތަކަށް ރޭޑިއޭޝަން ބޭނުން ކޮށްގެން ފަރުވާ ދިނުމުން، އެމީހުންގެ ހަށިގަނޑުގައި މި ވައިރަހުގެ އަސަރު ކޮށްފަ ހުންނަ ސެލްތައް މަރާލާކަން ހާމަވެފައިވެ އެވެ.
ފަރުވާއެއް ހޯދިފައި ނުވާ އެއިޑްސް ބަލި ޖެހުމަށް މެދުވެރި ކުރުވާ ހިއުމަން އިމިއުނޯ ޑެފިސިއަންސީ ވައިރަހުގެ އަސަރު ކޮށްފައިވާ ތިރީސް ފަސް މިލިއަން މީހުން މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވެ. — ޑެއިލީ މެއިލް