ކުޅުދުއްފުށީގައި ވަޒީފާނެތް 261 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ ވަޒީފާ ނެތް ޒުވާނުންގެ ލިސްޓް ތައްޔާރު ކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓުސްގެ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ. އަދި މިހާރުގެ ލިސްޓުގައި އުމުރުން 18-35 އަހަރާ ދެމެދުގެ 261 މީހަކު ރަޖިސްޓްރީވެފައިވީ ނަމަވެސް ލިސްޓު އަޕްޑޭޓު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ކައުންސިލުގެ އޮފިޝަލް ވިދާޅުވި އެވެ.
ވަޒީފާ ނެތް އުމުރުން 18-35 އަހަރުގެ މީހުން މިމަހުގެ 5 ގެ ނިޔަލަށް ނަންނޯޓު ކުރުމަށް އެ އިދާރާއިން ވަނީ އިއުލާނުކޮށްފައެވެ. ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވި ނަމަވެސް މަދުމަދުން ބައެއް ފަރާތްތައް އަންނަ ކަމަށް އެއިދާރާއިން ހާމަކުރެއެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު، ވަޒީފާ ނެތް ޒުވާނުންގެ ލިސްޓް ޔޫތު މިނިސްޓްރީއަށް ފޮނުވާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއްވައެވެ.
ވަޒީފާ ނެތް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ އައު ސަރުކާރުގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ވަޒީފާ ނެތް މީހުންގެ މައުލޫމާތު ޔޫތު މިނިސްޓްރީން އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.