twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުރާވަރު ފިރިހެން ކުދިންގެ މުސްތަގުބަލު ނުރައްކަލަށް ހުށަހެޅިފައި!

Dec 9, 2013

މިއީ އާވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ނުދެކެވޭ ވާހަކައެކެވެ. ދައްކަން ނުކުރޭ ހަޑި ވާހަކައަކަށް ވަނީވެސް ޔޯލައެވެ. ބައެއްގެ އަބުރު ކަތިލެވިދާނެތީކަމަށް ވުމަކީ ދުރު ކަމެއް ނޫނެވެ. އެހެނެއް ކަމަކު މިވާހަކަ ސިއްރުކުރުމުން އޭގެ ގެއްލުން އަޅުގަނޑުމެންގެ މުޖްތަމަޢަށް ފޯރަނީ ނުލާހިކު މަތީ ދަރަޖައަކަށެވެ. އެވާހަކަ ވަންހަނާކޮށް، ނުވާ ކަމަކަށް ހަދައިގެން ތިބުމުގެ ސަބަބުން އޭގެ އަނިޔާ ތަހައްމަލު ކުރަން ޖެހެނީ އަޅުގަނޑުމެންގެ ޅަދަރިންނަށެވެ. އެހެންކަމުން، އެއީ ދައްކަން ކިތަންމެ ހުތުރު ވާހަކައަކަށްވީނަމަވެސް ކޮންމެވެސް މީހަކު ނުވަތަ ބަޔަކު އެވާހަކަވެސް އެބަ ދައްކާން ޖެހެއެވެ.

އާދޭހެވެ! އަޅުގަނޑު މިދަންނަވަނީ “މަކުނުބަލީގެ” ވާހަކައެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި އެބަލި ޖެހިފައިތިބި މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ވާހަކައެވެ. އަދި އެފަދަ މީހުންގެ ސަބަބުން، އަޅުގަނޑުމެންގެ ސާދަ ފަނަރަ އަހަރުގެ ފިރިހެން ދަރިންގެ މުސްތަޤްބަލް ބަނަވަމުން އަންނަ ވާހަކައެވެ.

ގިނަ ބައެއްގެ ލޯމައްޗަށް މިއީ ސިއްރެއްކަމުގައި ވިޔަސް، އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަ ކުޅުދުއްފުށީގައިވެސް މިކަން ކުރާ މީހުންގެ ޢަދަދު މަދެކޭ ނުދެންނެވޭނެއެވެ. އަދި އަޅުގަނޑުމެންގެ ޒުވާންފުރައިގެ ފިރިހެން ދަރިން، އެބައެއްގެ ޝިކާރައަކަށް ވެފައިވާ މިދެންނެވި ބާވަތުގެ މީހުންގެ ތެރޭގައި ގިނައީ ރަށުގައި ހުރި ބައެއް މުއައްސަސާތަކުގައި މަސައްކަތްކުރުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާ ލައިގެން މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު އެބަޔަކަށް ލިބިގެންވާ ބައެކެވެ.

ސްކޫލުގައި ކިޔަވައިދޭން އަންނަ ޓީޗަރެވެ. ނޫންނަމަ ސަރުކާރުގެ އޮފީހެއްގެ ކޮންމެވެސް އިސްމީހެކެވެ. ނުވަތަ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މީހަކަށް ވެދާނެއެވެ. ނޫންނަމަ އެއްވެސް ވަޒީފާއެއް އަދާނުކޮށް ރަށުތެރެއަށް ގިނަވެގެން އުޅޭ މީހަކަށްވެސް ހަމަވެދާނެއެވެ. މިފަދަ މީހެއްގެ ފަރާތުން މިދެންނެވި ބާވަތުގެ ގޯނާއެއް ކުރިމަތިވުމުންވެސް އެކަން ފާޅުކުރުމަށް، ނުވަތަ އެކަން ރިޕޯޓްކުރުމަށް ގިނަކުދިން ޖެހިލުންވަނީވެސް މިސަބަބަށްޓަކައި ކަމުގައި ވެދާނެއެވެ. އެހެނީ އެމީހުންގެ ތެރޭގައި ހަމަ ގިނައީ ނުފޫޒުގަދަ މީހުންނެވެ. ވުމާއެކު އެމީހުން ތިމާއާ ދެކޮޅަށް ކޮށްލާ ކިތަންމެ ކުޑަކުޑަ ކަމަކުން ތިމާގެ ކުރިމަގަށް އޭގެ ނޭދެވޭ އަސަރު ފޯރައިގެން ހިނގައިދާނޭ ކަމަށް ގިނަކުދިންނަށް ޤަބޫލުކުރެވެއެވެ.

މުޖްތަމަޢުގެ ކުރިމަތީގައި ސާފު ހުދު ފޭރާން ލައިގެން އުޅޭ ބައެއްގެ ގޮތުގައި މިދެންނެވި މީހުން ސިފަވެފައިވީ ނަމަވެސް އެއަށްވުރެ، އެމީހުންގެ މަކަރުވެރިކަމާއި ނުލަފާކަން ބޮޑެވެ. މިހެން މިދެންނެވީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

ފޭސްބުކްގައި ފޭކް އެކައުންޓްތައް ހަދައި، ފުރާވަރު އުމުރުގެ ފިރިހެން ކުދިން އެމީހުންގެ އަވާގައި ޖައްސުމަކީ މިއަދު އެފަދަ މީހުން ކޮށްއުޅޭ އެންމެ ޢާންމު އެއް ކަންތަކެވެ. މިގޮތުން އެކުދިން ގަޔާވާފަދަ ވާހަކަތައް ދައްކައި ނުހަނު ރަނގަޅަށް އެކުދިން ހައްލާލައި، މަގުފުރައްދާލައެވެ. އަމިއްލައަށް ތިމާގެ ބަރަހަނާ ފޮޓޯ ނެގުމަށްފަހު އެކުދިންނަށް ފޮނުވައި، ބަދަލުގައި އެކުދިންގެ ފޮޓޯވެސް ފޮނުވައިދިނުމަށް އެދުމަކީވެސް އޭގެ މީހުން ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ. އެއާއެކު، އެމީހަކާ މެދު އުފެދިފައިވާ ރައްޓެހިކަމަށް ބުރޫ އަރާފާނެތީ ނުވަތަ އޭނާގެ ފަރާތުން ލިބިދާނެ އެހެން ފައިދާއެއް ނުލިބި ދިއުމުގެ ބިރަށްޓަކައި އެކުދިންވެސް ހަމަ އެމީހުން ކަންތައްކުރި ބީދައިން ކަންތައް ކުރެއެވެ. އެއާއެކު އެމީހުންގެ މަޤްޞަދު ޙާޞިލުކުރުމަށް ފަސޭހަވެގެންދެއެވެ. އަދި އޭނާގެ ބަހަށް ހެއްލިގެންދާ ކުއްޖާގެ ވިސްނުން މުޅީން ބަދަލުވެ، އިސްވެދިޔަ ކަންކަމަށް ގަޔާވެ، އެކަހަލަ ކަންތައްތައް ކުރުމަށް ޝައުޤުވެރިކަން އުފެދެއެވެ. މިދެންނެވީ ކޮންމެ ފަހަރަކު ކަންތައް ހިނގާ ގޮތްކަމުގައި ނުވިނަމަވެސް ގިނަފަހަރަށް ކަންތައް ހިނގަނީ ހަމަ މިގޮތަށެވެ.

އެހެންކަމުން ފޭސްބުކް ބޭނުންކުރުމުގައިވެސް ކުދިން ސަމާލުވާން އެބަޖެހެއެވެ. ތިމާ ދަންނަ މީހުން ފިޔަވައި އެއްވެސް މީހަކު ފޭސްބުކުން ‘އެޑް’ ނުކުރުން ވަރަށް މުހިންމެވެ. އަދި ދަންނަ މީހަކަށް ވީނަމަވެސް ދައްކަންނުވާނޭފަދަ ވާހަކައެއް ދައްކާކަމަށް ހީވާނަމަ އަވަހަށް ފްރެންޑް ލިސްޓުން ‘ރިމޫވް’ ކޮށްލުން ނުވަތަ ‘ބްލޮކް’ ކޮށްލުން އެއީ އެންމެ ބުއްދިވެރި ގޮތެވެ. އަދި ތިމާއާ ޗެޓް ކުރަނީ ތިމާ ހީކުރާ މީހާކަމަށް ނުވެދާނެކަމަށް އަބަދުމެ ސަމާލުވެ ތިބެން ޖެހެއެވެ.

މިފަދަ މައުޟޫއަކަށް އިންސާފުކުރާއިރު ވިސްނާލަންޖެހޭ އެންމެ މުހިންމު އަނެއްކަމަކީ، އަޅުގަނޑުމެންގެ ފިރިހެން ދަރިން ސްކޫލުގައި ވަގުތު ހޭދަކުރާގޮތާ ބެހޭގޮތުން ސުވާލުކޮށް، އެކަން ދެނެގަތުމެވެ. އެހެނީ ފުރާވަރުގެ ގިނަ ކުދިންނަކީ އެކުދިންގެ ގިނަވަގުތު ސްކޫލުގައި ހޭދަކުރާ ބައެކެވެ. ކިޔެވުމާ ގުޅޭ އެކި އެކި ކަންކަމުގައެވެ. ނޫންނަމަ ކޮންމެވެސް އިތުރު ޙަރަކާތެއްގައެވެ. މިމޭރުމުން ވިސްނާލާއިރު މިދެންނެވިފަދަ އިތުރު ޙަރަކާތަކަށް ދަރިފުޅު ސްކޫލަށް ދާނަމަ، ސްކޫލުގައި އޭނާ ކުރަނީ ސީދާ ކޮންކަމެއްތޯ ސުވާލުކޮށް ބަލާންޖެހެއެވެ. ނަމަވެސް މިކަން ކުރަންވާނީ އެއުމުރުގެ ކުދިންނަކީ އެކުދިންގެ ކަންކަމާ ބެހޭގޮތުން މައިންބަފައިން ގިނައިން ސުވާލުކުރުމުން ނުހަނު ފަސޭހައިން ރުންކުރުވެދާފަދަ ކުދިންކަން ދެނެތިބެގެންނެވެ.

އެހެނީ މިބާވަތުގެ ވާހަކަތައް މައިންބަފައިންގާތު ނުވަތަ އެހެންވެސް ޢާއިލާގެ މެންބަރެއް ގާތު ދެއްކުމަކީ އެއުމުރުގެ ކުދިން އެހާ ކުރާހިތްވާނެ ކަމެއް ނޫނެވެ. އަދި އެކަންތައްތައް ސިއްރުކޮށްލުމަކީ އެކުދިންނަށް ކުރާކަށް މާއުނދަގޫ ކަމެއް ނޫނެވެ. އެހެންކަމުން ކުދިންގެ އުޅުމަށާއި ގުޅުމަށް އަންނަ ބަދަލުތަކަށް މައިންބަފައިން ސަމާލުވެ ރައްކާތެރިވާންޖެހެއެވެ. އެކުދިންނާ އެކު ގޯސް ޢަމަލެއް ހިންގަފާނެ ކަމަށް ޝައްކުވާފަދަ މީހަކު އެކުދިންނާ ވައިވެސް އެޅުނަ ދީގެން ނުވާނެއެވެ. އަދި އެމީހަކާ ބައްދަލުކުރުން މުޅިން މަނާކުރެވިދާނެއެވެ. އަދި އިތުބާރުހިފޭ މީހަކު ނަމަވެސް އެކުދިންނާއެކު އެފަދަ ކަމެއް ކުރިކަމަށްވާނަމަ އަވަހަށް ބުނުމަށް ނަޞޭޙަތްތެރިވާންވާނެއެވެ. އަޅުގަނޑުމެންގެ ފިރިހެން ދަރިން އެނުބައި މީހުންގެ ވަކިތަކުން ސަލާމަތްކުރެވޭނީ އޭރުންނެވެ.

މިލިޔުމުގައި އިސްވެ ބަޔާންވެދިޔަ ވާހަކަތަކުގައި އެއްވެސް ފަރާތެއްގެ ނަން އަޅުގަނޑު ބޭނުންކޮށްފައެއް ނުވާނެއެވެ. އެހެން ނަމަވެސް ލިޔުން ވިދާޅުވަމުން ދިޔައިރު އެފަދަ އެތައް އެތައް ނަންތަކެއް ތިބޭފުޅާގެ ވިސްނުމަށް އަތުވެއްޖެ ނޫންތޯއެވެ. ލިޔުމުގެ މަޤްޞަދު ހާސިލް ވެއްޖެއެވެ. ވިސްނަންވީ ހަމައެކަނި އަންހެން ދަރީންގެ ސަލާމަތާއި ރައްކާތެރިކަމަކަށް ނޫނެވެ. އަންހެން ދަރީންނެކޭ އެއްފަދައިން ފިރިހެން ދަރިންނަކީވެސް އަޅުގަނޑުމެން ދިރިއުޅެމުން މިދާ މުޖްތަމައުގައި ނުރައްކަލާ ކުރިމަތިވެފައިވާ ބައެކެވެ. ވީމާ ތިޔަބޭފުޅުންގެ ދަރިންގެ މުސްތަގުބަލަށް އެ ފަރާތްތަކުގެ ހިޔަނި އެޅުނަ ނުދެއްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355