އޯޓިޒަމަށް ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށް ކުޅުދުއްފުށީގައި ހަދާ ރިސާޗުގެ ޑޯޓުޑޯ ހަރަކާތް މިއަދު ފަށައިފި އެވެ.
އޯޓިޒަމް ރިސާޗުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ހދ. ޓީއާރުސީގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު (އަބްސީ) ވިދާޅުވީ ޑޭޓާ ކަލެކްޓް ކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށާއި 10 ވަރަކަށް ދުވަހުގެ ތެރޭގައި މައުލޫމާތު އެއްކޮށް ނިމޭވަރު ވާނެ ކަމަށެވެ.
ރިސާޗަށް މައުލޫމާތު ހޯދުމަށް ސުވާލުކުރާ މީހުން ބައިތަކަކަށް ބަހާލާފައި ވާނެ ކަމަށާ އޭގެ ތެރޭގައި އާއިލާ އާއި އޮފީސް ދާއިރާގެ ފަރާތްތަކާއި މުޖްތަމައުގެ އެހެނިހެން މަސައްކަތް ކުރާ ފަރާތްތައް ހިމަނާފައިވާނެ ކަމަށްވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ. އަދި މިގޮތުން 400 މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރުމަށްފަހު އަންނަ ހޯމަ ދުވަހު ޑޭޓާ އެންޓާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އަބްސީ ވިދާޅުވި އެވެ.
ރިސާޗަކަށް ތެދު މައުލޫމާތު ހޯދުމަކީ ދަތި އުނދަގޫ އަދި ވަގުތު ހޭދަވާ ކަމެއް ކަން ފާހަގަކުރައްވަމުން އަބްސީ ވިދާޅުވީ ރިސާޗުގެ ވޮލަންޓިއަރުންނަށް މިކަމުގައި އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް ކަމަށާ މި ކަމަކީ އެހީތެރިކަން ބޭނުންވެފައިވާ ކުދިންނާއި ބެލެނިވެރިންނަށް ފައިދާ ކުރަނިވި ކަމެއް ކަމަށެވެ.
އޯޓިޒަމް ރިސާޗުގައި 15 ވޮލަންޓިއަރަކު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ރިސާޗުގެ ޑޭޓާ ކަލެކްޓް ކުރުމަށްފަހު އެނަލިސިސް ތައްޔާރު ކުރައްވާނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވިލާ ކޮލެޖުގެ ޑިރެކްޓަރ، ރިސާރޗް އެންޑް އިނޮވޭޝަންސް ޑރ. އަލީ ފަވާޒު ކަމަށްވެސް އަބްސީ ވިދާޅުވި އެވެ.
އަންނަ އަހަރު ފާހަގަ ކުރާ އޯޓިޒަމް ހަފުތާ ކުޅުދުއްފުށީގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ރޭވިފައެވެ.