ކުޅުދުއްފުށީ ބަންޑާރަ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެހެނިހެން އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭވަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) ގެ ކުޅުދުއްފުށީ ސައިޓުން ހާމަކޮށްފި އެވެ.
އެމްއާރުޑީސީގެ ކުޅުދުއްފުށީ ސައިޓް މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ ވެރިކަން ބަދަލުވެ ބަންޑާރަ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް މަގުގެ އަމަލީ މަސައްކަތް ފެށޭނެ ސީދާ ތާރީޚު ދަންނަވަން ދަތި ކަމަށެވެ.
“އެނގިލައްވާނެ ބަޖެޓުވެސް މުޅިއަކުން އަދި ފައިނަލެއް ނުވޭ. އެއްމޭޒުގަ ވާހަކަ ދެއްކުނަސް ވަރަށް ގިނަ ފައިސާގެ ގޮންޖެހުންތައް އެބަހުރި މަސައްކަތް ފަށައިގަންނަން. އެކަމަކުވެސް ހަމަ މިބަލަނީ ޖެނުއަރީ މަހުގެ ކޮންމެސް ހިސާބެއްގަ ފެށޭވަރުވާނެ ކަމަށް.” މުހައްމަދު ވިދާޅުވި އެވެ.
އެމްއާރުޑީސީގެ ކުޅުދުއްފުށީ ސައިޓުން މޯލްޑިވްސް ވޯޓާރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ގުޅިގެން މިހާރު ކުރަމުންދަނީ ޖަލާލުއްދީން ސްކޫލުގެ އުތުރުގައި ހަދާފައިވާ ރޯ ހައުސް ތަކުގައި ހޮޅި ވަޅުލުމުގެ މަސައްކަތްކަން ފާހަގަ ކުރައްވަމުން މުހައްމަދު ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ
” 500 މީޓަރުގެ ހޮޅި ވަޅުލުން މިހާރު ކުރިއަށް މިދަނީ. އެއީ ފެންހޮޅިޔާ ފާޚާނާ ހޮޅި.” މުހައްމަދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބަންޑާރަމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތެއްގައެވެ.