އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އާއްމުކުރުމަށް ރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ހދ. ކުޅުދުއްފުށްޓާއި ސ. ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީކޮށް، ވިލިމާލެ ސިއްހީ މަރުކަޒު ވެސް ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމަށެވެ.
ރޭގެ މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އައިމިނަތު ޝަކީލާ ވިދާޅުވީ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރުމުން މާލެ އައުމުގެ ބަދަލުގައި ރަށްރަށުގައި ތިބެގެން ސިއްހީ ހިދުމަތް ހޯދޭނެ އިންތިޒާމުތައް ގާއިމުވެގެންދާނެ ކަމަށާއި އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ތައާރަފު ކުރާނެ ކަމަށެވެ. މިގޮތުން ކަނޑައަޅާފައިވާ ތާވަލަކާ އެއްގޮތަށް އެ ހިދުމަތް ރަށްރަށުގައި ފެށުމަށާއި ކޮންމެ ގޭބީސީއެއްގައި ދިރިއުޅޭ މީހުންގެ ސިއްހަތާ ބެހޭ މައުލޫމާތު އެއްކޮށް، އެންމެ ކައިރީގައިވާ ސިއްހީ ހިދުމަތް ދޭ މަރުކަޒެއްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ޝަކީލާ ވިދާޅުވި އެވެ.
ހުސްނުވާ އާސަންދަގެ ޚިދުމަތާއި ނަފްސާނީ ބަލި މީހުންނަށް ސެންޓްރަލައިޒްޑް ނިޒާމެއް މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ރިހެބިލިޓޭޝަންގެ ހިދުމަތް އަތޮޅުތެރޭގައި ވެސް ދިނުމަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަކީވެސް ހެލްތު މިނިސްޓްރީގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ސިއްހީ ދާއިރާގެ 22 ލަނޑުދަނޑިއެއް އާއްމުކޮށްފައެވެ. އޭގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގިނަ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައި ވެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލު ތަރައްޤީ ކުރުމުގެ ގޮތުން ކުރީގެ ސަރުކާރުން ޖަރުމަނުގެ ބަޔަކާ ހޮސްޕިޓަލް ހިންގުން ހަވާލުކުރަން ނިންމި ނަމަވެސް އެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.