އިންތިޚާބު ކަވަރުކޮށް ޚަބަރު ހުށަހަޅާދޭނެ ގޮތް ދަސްކޮށްދިނުމަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު ހދ. ޓީޗަރ ރިސޯސް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްދިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ހުޝާމް ދެއްކެވި ވާހަކަފުޅުގައި، ލިބިގެންދިޔަ ސެޓްފިކެޓާއެކު ނޫސްވެރިކަމުގެ ދާއިރާ ދޫނުކޮށް އެކަމުގެ އަމަލީ މައިދާނަށް ނުކުތުމަށް ބައިވެރިންނަށް ގޮވާލެއްވި އެވެ. އަދި މީގެ އެޑްވާންސް ލެވެލްގެ ކޯހެއް ވަރަށް އަވަސް މުސްތަގުބަލެއްގައި ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާފައިވަނީ ފޯކަސް އެޑިއުކޭޝަން ސެންޓަރުގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޒީފެވެ.
މި ޕްރޮގްރާމުގައި މީޑިޔާ އާއި ޑިމޮކްރަސީ އާއި އިންތިޚާބާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
މިމަހުގެ 12 އިން 16 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 21 ފަރާތަކުން ބައިވެރިވެ އިއްޔެ ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.