ކުޅުދުއްފުށީގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ކުޅުދުއްފުށީ، ހަޒާނާގެ ފަތުހުﷲ އަލީ (27) އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ފަތުހުﷲގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އިބްރާހިމް އަލީ ބުނީ އޭނާގެ ކަނާތުފައިގެ އުކުޅުވަޅު ބިންދައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިވަގުތު ކަށީގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ދެވެން ނެތް ކަމަށާއި އިތުރު ފަރުވާ އަށް މާލެ ދިއުމަށް ޑޮކްޓަރުން އެދިފައިވާ ކަމަށް އިބްރާހިމް ބުންޏެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު މިވަގުތު ހުންނެވީ ޗުއްޓީގަ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އަމީރު އަމީން ސްކޫލު ކައިރިން ނިކަގަސްމަގަށް އަޅަން އުޅުނު ސައިކަލަކާއި ބަނޑާރަމަގުން ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓުރޯލް ނުކުރެވިގެން ގޮހެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެކްސިޑެންޓުވި އަނެއް ސައިކަލުގައި އިން ކުޅުދުއްފުށީ، ދިލާސާ އަސަދު ހަސަން(18) އަށް ވެސް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. އެހެންނަމަވެސް އޭނާ އަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.