މަންދު ކޮލެޖުގެ ފަރާތުން ޑިސްޓޭންސް ލާނިންގ އަށް އަމާޒުކޮށްގެން ވާރޗުއަލް ކެމްޕަސްގެ ނަމުގައި މުޅިން އައު ހިދުމަތެއް ތައާރަފް ކޮށްފި އެވެ.
ވަތަނިއްޔާ 3 ޖީ ގެ އެހީގައި ފެށި މި ނިޒާމުގެ ސަބަބުން މާލެ އާއި މާލެ އިން ބޭރުގައި ދިރިއުޅޭ މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކުދިންނަށް މަންދު ކޮލެޖްގެ މާލޭގައި ހުންނަ ކެމްޕަހަށް ނުގޮސް ކިޔެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
މަންދު ކޮލެޖުން މައުލޫމާތު ދިން ގޮތުގައި މި ހިދުމަތުގެ ބޭނުން އެންމެ ބޮޑަށް ކުރާނީ މާލެ އައިސް ކިޔެވުމުގެ ފުރުސަތު ނުލިބި ރަށްރަށުގައި ދިރިއުޅޭ ކުދިންނަށެވެ. އަދި މިހިދުމަތުގެ ސަބަބުން ކިޔެވުމަށްދާ ހަރަދު ކުޑަވެ އަތްފޯރާ އަގުގައި މަތީތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިވެހި ކޮންމެ ދަރިއަކަށް ވެސް ލިބިގެންދާނެ އެވެ. މިގޮތުން އެކޮލެޖްގެ އާންމު ކުލާސްތަކުގައި ކިޔަވާދޭ ތަކެތި މި ހިދުމަތުގެ ތެރެއިން ރަށްރަށުގައި ތިބޭ ކުދިންނަށް އުނގެނެވޭނެ އެވެ.
ވަތަނިއްޔާގެ 3 ޖީ ހިދުމަތް ލިބޭ ކޮންމެ ރަށަކަށް މިހިދުމަތް ލިބިގެން ދާނެ އެވެ. މިއީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ވާރޗުއަލް ކެމްޕަސް ކަމަށް މަންދު ކޮލެޖުން މައުލޫމާތު ދެއެވެ.