ހދ ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ ރޯހައުސް ތަކަށް އެދި މީގެ ދެއަހަރު ކުރިން ހުށަހެޅި ފޯމުތައް ކުޅުދުއްފުށީ ކައުންސިލުން ބާތިލްކޮށްފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ ހަސަން ވިދާޅުވީ ފޯމުތައް ބާތިލުކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ އެންގުމަކަށް މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. މިގޮތުން ކުރިން ހުށައަޅާފައިވާ ފޯމުތައް ބާތިލު ކުރުމަށް އަންގާފައިވަނީ ރޯހައުސްގެ އަދަދަށް އައި ބަދަލާއި ޑައުންޕޭމަންޓު ފީއަށް އައި ބަދަލާ ގުޅިގެން ކަން އަލީ ހަސަން ފާހަގަ ކުރެއްވި އެވެ.
“ތަފާތު ދެ ސަބަބަކާ ހުރެ ފޯމުތައް ކެންސަލް ކުރަން އެންގީ. ފުރަތަމަ ކަމަކީ ރޯހައުސްގެ އަދަދު. އޭރު އޮތީ 125 ރޯހައުސް އަޅާ ގޮތަށް. އެކަމަކު މިހާރު 165 ރޯހައުސް އަޅަމުން އެދަނީ. ދެން ކުރިން ޑައުން ޕޭމަންޓުގެ ގޮތުގަ 30،000 ރުފިޔާ ދައްކަން ޖެހޭގޮތަށް އޮތްއިރު މިހާރު އަގުހެޔޮވެ 19،000 ދައްކަން ޖެހޭނީ.” އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ކޮންމެ މަހަކު ދައްކަން ޖެހޭ އިންސްޓޯލްމަންޓްގެ ގޮތުގައި ކުރިން މަހަކު 4،500ރ ދައްކާ ގޮތަށް އޮތް ނަމަވެސް މިހާރު ކަނޑައަޅާފައި ވަނީ 3،000ރ ކަމަށާއި ކުރީގެ ފޯމުތައް ބާތިލުކޮށް ވަރަށް އަވަހަށް ރޯހައުސްއަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މިގޮތުން ފުރުސަތު ހުޅުވާލުމުގެ ކުރިން ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވޭ އުސޫލުތަކާއެކު އަމަލުކުރުމުގެ ޤަވާއިދު އެކުލަވާލާ އަންނަ ހަފްތާގެ ތެރޭގައި އަލުން ފުރުސަތު ހުޅުވާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
އަލީ އިތުރަށް ވިދާޅުވީ ރަށުން ބޭރުގެ ފަރާތްތަކަށްވެސް ރޯހައުސްއަށް އެދި ފޯމު ހުށައެޅޭނެ ކަމަށާއި 100 ރޯހައުސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވާއިރު 65 ގެޚާއްސަކުރެވިފައިވަނީ ރަށުން ބޭރުގެ ފަރާތްތަކަށް ކަމަށެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރޯހައުސްއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 250 އަށް ވުރެ ގިނަ މީހުންވަނީ ފޯމު ހުށަހަޅާފައެވެ.