ގިނައިރު ވާރޭވެހުމުގެ ސަބަބުން ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
މިއަދު މެދުނުކެނޑި ގިނަ އިރު ވަންދެން ވާރޭވެހުމުގެ ސަބަބުން ކުޅުދުއްފުށީގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާވަރަށް ވަނީ ފެންބޮޑުވެފަ އެވެ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދު ތަކުގައި އެއް ފޫޓަށް ފެން ބޮޑުވެފައިވާއިރު އަމީނީމަގުގެ އިރުމަތި ފަރާތުގެ ހުރިހާ މަގެއް ހެން ވަނީ ފެންގަނޑު ބޮޑު ވެފައެވެ. އަދި ބައެއް ގޭގޭގެ ތެރެއަށް ފެންގަނޑު ވަދެ ރައްޔިތުންނަށް ވަނީ އުނދަގޫތަކާ ކުރިމަތި ވެފައެވެ.
ކުޅުދުއްފުށީ ހަސަނާތު މިސްކިތް ހުންނަ ސަރަހައްދުގެ އިރުމަތީގައި ވާ މަގުތަކުގައި ފެންބޮޑު ވުމުގެ ސަބަބުން އެ ސަރަހައްދުގެ ގެޔަކުން ރިޕޯޓު ކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ކައުންސިލުން ބުނީ އެމްއެންޑީއެފާއި އެކަން ހިއްސާ ކޮށްފައި ވާނެކަމަށާއި ގޯތިގެދޮރަށް ނުރައްކާވާ ހިސާބަށް ދިއުމުގެ ކުރިން ފެންގަނޑުތައް ބޮޑުވެފައިވާ ސަރަހައްދުތަކުން އެމްއެންޑީއެފްގެ އެހީގައި ފެންގަނޑުތައް ހިއްކާނެކަމަށް ކައުންސިލުގެ ރައީސް އަލީ ހަސަން ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް މާދަމާވެސް ވިއްސާރަ ކުރާނެ ކަމަށް ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން މިރޭ ވަނީ ބުނެފަ އެވެ.
މާދަމާ ވެސް އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ، ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރާ ކަމަށާއި އަދި ގަޑިއަކު 10 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނެގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އަދި ކަނޑުދަތުރު ކުރައްވާ ފަރާތަކުން މޫސުމަށް ބެލުމަށް ފަހު ދަތުރު ކުރެއްވުމަށް ވެސް އެއިދާރާއިން އެދެ އެވެ.