ހދ ކުޅުދުއްފުއްޓަށް ރޭ “ކަޅުވާރޭ” ވެހިއްޖެ އެވެ.
ކަޅުވާރޭ ވެހުމުގެ ސަބަބުން ރޭ ތާނގީތަކަށް ފެންނެގި ބައެއް މީހުން ދަނީ ފެން ތާނގީ ތަކުން ފެން ހުސްކުރަމުންނެވެ. މިކަން ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވަނީ ކައުންސިލަށް ރިޕޯޓްކޮށްފަ އެވެ.
ކުޅުދުއްފުށި ކައުންސިލުގެ ރައީސް ވިދާޅުވީ ރޭ ވެހުނުވާރޭގައި ފެންނެނގި ފަރާތްތަކުން ފެނުގެ ކުލަ ތަފާތުކޮށް ހުރުމުން އެކަމުގެ ރިޕޯޓު ކުރަމުންދާ ކަމަށެވެ. އަދި އެފެން ބޭނުން ނުކުރުމަށް ކައުންސިލުން އެދެއެވެ.
ރޭ ވެހުނު ކަޅުކުލައިގެ ވާރޭގެ އަސަރު ކުރި ބައެއް ރައްޔިތުން ވަނީ ކުޅުދުއްފުށި އޮންލައިން އަށް ވެސް އެވާހަކަތައް ހިއްސާ ކޮށްފަ އެވެ.
“އަހަރެން ހެނދުނު ސައިކައްކަން ރޭގަ ފެންނެނގީން. ތާނގީން ފެންނެގުމުން ފެނުގަ ކުލަ ތަފާތު ކަން ފާހަގަ ކުރެވުނު. ފުރަތަމަ އަހަރެން ހީކުރީ ކުރާ ރީއްޗަށް ސާފު ނުކުރެވި ފެންނެގުމުން ހުރި ގޮތެއް ކަމަށް.” އާއްމުކޮށް ވާރޭ ފެންނަގާ ގެއެއްގެ މީހެއްކަމުގައިވާ އައިމިނަތު އަލީ ބުންޏެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓުން ބުނީ ރެއާ އިއްޔެ ވެހުނު ވާރޭން ނެނގި ފެނުގައި ކުލަ ތަފާތު ކޮށް ހުރުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު އެ ޔުނިޓަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކުން ފެނުގެ ސާމްޕަލްވެސް އެޔުނިޓަށް ޓެސްޓު ކުރުމަށް ގެންނަމުން އަންނަ ކަމަށެވެ.
ޕަބްލިކް ހެލްތު ޔުނިޓުގެ އެސިސްޓެންޓު ކޮމިއުނިޓީ ހެލްތު އޮފިސަރު ހައުލަތު މުހައްމަދު ވިދާޅުވީ އެމައްސަލަ މިހާރު ކަމާބެހޭ ހުރިހާ ފަރާތްތަށް ހިއްސާ ކުރެވިފަ ވާކަމަށާއި އަދި މިހާތަނަން އެއްވެސް އިދާރާ އަކުން ޖަވާބެއް ނުލިބޭކަމަށެވެ. އޭނާ ވިދާޅުވީ ލެބޯޓަރީ ޓެސްޓެއް ހެދުމަށް ފަހު ނޫނީ ފެން ބޭނުން ކުރުމަށް ބުނަން ނޭނގޭނެ ކަމަށެވެ.
ކުޅުދުއްފުށީގައި ހުންނަ އެމްޑަބުލިއުއެސްއީ އިން އެފެން ޓެސްޓު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހައުލަތު ވިދާޅުވި އެވެ.
މި ކަމާގުޅޭ ގޮތުން އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ އެއީ ކަޅުވާރޭ ނުވަތަ އެސިޑް ރެއިން ނޫން ކަމަށާއި ފެނުގައި ކުލަ ޖެހެނީ ގޭގޭގެ ފުރާޅު ސާފު ނުކޮށް ފެންނަގާތީ ކަމަށަވެ. އަދި އެފަދަ ފެން ބުއި މަށާއި އަދި އިތުރު އެހެން ކަމަށް ބޭނުން ނުކުރުމަށް އިލްތިމާސް ކުރެއެވެ. އަދި ކޮންމެ އަހަރަކު ވެސް އަހަރުގެ މިހާ ހިސާބުގައި ކުޅުދުއްފުށިން މިފަދަ ރިޕޯޓްތަކެއް ލިބޭކަމަށް އެތަނުން މައުލޫމާތު ދިނެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ އާއި ރޭ ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުފައެވެ.
ފޮޓޯ: ފެނުގައި ކުލަ ޖެހިފައި ހުރުމުގެ ސަބަބުން ޓެސްޓު ކުރުމަށް ޕަބްލިކް ހެލްތަށް ގެންގޮސްފައި. — ކުޅުދުއްފުށި އޮންލައިން ފޮޓޯ: ބަދީޢު