މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ޕެކޭޖިންގް ސެންޓަރ ހިންގާ މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް، ބިޑް ހުށަހެޅުމަށް 3 ވަނަ ފަހަރަށް އިއުލާނު ކޮށްފި އެވެ.
ހދ އަތޮޅުގޭގައި ހުންނަ މި ޕެކޭޖިންގ ސެންޓަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތަކަށް މާކެޓް ހޯދައިދީ އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރިއާއި އެކިއެކި ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް ތަރައްޤީކުރުމަށް ތަކެތި ބަންދުކޮށް ލޭބަލް ކުރާނެ ފެސިލިޓީއެއް ގާއިމު ކުރެވިފައިވާ ސެންޓަރެކެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ވަނީ ތާޒާ އަދި ޕްރޮސެސް ކުރެވިފައިވާ ކާބޯތަކެތީގެ ޕެކޭޖިންގ ސެންޓަރ ގާއިމުކުރާނޭ ތަނެއް ހޯދާ، ތަނަށް ބޭނުންވާ މަރާމާތުތައް ނިމި އަދި ޕެކޭޖިންގ ސެންޓަރ އޮޕަރޭޓްކުރަން ފަށައިގަތުމަށް ބޭނުންވާ މެޝިނަރީވަނީ އެތަނަށް ހޯދާފައިވާ ކަމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެ ސެންޓަރ ހިންގުމަށް ފަސް އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް ކުރުމަށް ހުޅުވާލާ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ މައުލޫމާތު ކަރުދާސް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައިވެސް ޕެކޭޖިން ސެންޓަރު ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.