މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “އެންމެން އެކުގައި” ޝިއާރުގެ ދަށުން މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ހޯމް މިނިސްޓްރީން ހަމަޖެއްސުމާއި ގުޅިގެން ކުޅުދުއްފުށީގައިވެސް މި ޕްރޮގްރާމު ކުރިއަށް ދާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް އަލީ ހަސަން ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން 12:30 އަށް ސާފުކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކައުންސިލް ރައީސް ވިދާޅުވީ އަންނަ ކުޅުދުއްފުށި ސާފުކުރުމުގެ ޕްރޮގްރާމުގައި އުތުރު ބަނދަރުގެ ދޯނިފަހަރު އެހެލާ ހިސާބުން ފެށިގެން ސާފުކުރަން ހަމަޖެހިފައިވާ ކަމަށާއި ރަށުގެ ހުރިހާ މުއައްސަސާތަކަށް މިކަމުގައި ބައިވެރިވުމަށް ދައުވަތު ފޮނުވާފައިވާ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
ހޮނިހިރި ދުވަހު ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމު ރައްޔިތުންނަށްވެސް ވަނީ ހުޅުވާލާފައެވެ. އަލީ ވިދާޅުވީ މަށަންދަތިފަދަ ތަކެތި ހިއްޕަވައިގެން ވަޑައިގެންނެވުމަކީ ކައުންސިލުން އެދޭ ކަމެއް ކަމަށެވެ.
“އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭކަށްނެތް މަށަންދައްޗާ ގޯނި ފަދަ އެއްޗެއްސެއް.. އެހެން ނަމަވެސް ވިޔަފާރިވެރިންނާ ވާހަކަ ދައްކައިގެން އިންޓަވަލްގެ ކަންތައްތައް ހަމަޖެހިފަ އޮތީ..” އަލީ ފާހަގަ ކުރެއްވި އެވެ.
އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެކުވެރިކަމާއި އަޚުވަންތަކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ސުނާމީ ކާރިސާއަށް އަންނަ ބުރާސްފަތި ދުވަހު 9 އަހަރު ފުރޭނެެ އެވެ.