މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ކުޅުދުއްފުއްޓަށް ވެހުނު ވާރޭ ފެނުގައި އެއްވެސް ކުލައެއް ނުވަތަ ވަހެއް ހުރި ކަމަށްވާނަމަ އެ ފެން ބޭނުން ނުކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން އިލްތިމާސް ކޮށްފިއެވެ.
ޕަބްލިކް ހެލްތުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ފާތިމަތު ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި ހުންނަ އެމްޑަބުލިއުއެސްއީ އިން އެ ފެން ޓެސްޓު ކޮށްފައިވާ ކަމަށާއި ފެނުގައި ހުންނަން ނުޖެހޭ މާއްދާއެއް ހުރިކަން މި ޓެސްޓުން ދައްކާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބާވަތެއްކަން އަދި ދެނެގަނެވިފައިވާ ނުވާ ކަމަށް އެތަނުން ބުންޏެވެ.
މި ފެނާ ބެހޭ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަށާއި ފުޑް އެންޑް ޑްރަގު އޮތޯރިޓީއާ ހިއްސާ ކޮށްފައިވާ ކަމަށާއި އެފަރާތް ތަކުން ރަސްމީ ޖަވާބެއް ދެއްވުމުން ފެން ބޭނުން ނުކުރުމަށް ރަސްމީކޮށް ރައްޔިތުންނަށް އަންގާނެ ކަމަށް ފާތިމަތު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ފެން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެފައިވާކަން ފާތުމަތު ވިދާޅުވި އެވެ.
ފާތުމަތު އިތުރަށް ވިދާޅުވީ ހދ ނޮޅިވަރަމުންނާއި ކުރިނބީންވެސް އެ ދެ ރަށަށް ވެހުނު ވާރޭގައި ކަޅު ކުލައެއް ހުރިކަމުގެ ރިޕޯޓުތައް އެ ޔުނިޓަށް ކޮށްފައިވާ ކަމަށާއި ކުޅުދުއްފުށީގެ ބައެއް ފަރާތްތަކުން ފެނުގެ ސާމްޕަލްވެސް އެޔުނިޓަށް ޓެސްޓު ކުރުމަށް ގެނެސްފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީން ކުރިން ބުނެފައިވަނީ ވާރޭފެނުގައި ކަޅު ކުލައެއް ހުރީ ފުރާޅު ސާފުނުކޮށް ފެން ނަގާތީ ކަމަށެވެ. އެހެންނަމަވެސް އެއީ އީޕީއޭއިން އެ ފެން ތަހުލީލު ނުކޮށް ބުނެފައިވާ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ.