މާބަނޑު ދުވަސްވަރު ގިނައިން ތަފާތު ވައްތަރުގެ ބަދަން ފަދަ ތަކެތި ކެއުމަކީ ލިބޭ ދަރިފުޅު އެ ތަކެއްޗަށް އެލާޖިކްވުން ދުރުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖަމާ ޕެޑިއާޓްރިކްސްގެ ފަރާތުން 8000 ކުދިންނާ އެކުދިންގެ މައިން ބޭނުން ކޮށްގެން ކުރި މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ބަނޑުގައި ދަރިފުޅު އަށަގަތުމާއެކު މަންމަ ކާ ތަފާތު ކާނާ ތަކަށް އެކުއްޖާ ހޭނިގެން ދާނެއެވެ. މީގެ ކުރިން ކޮށްފައިވާ ދިރާސާތައް ދޮގުކޮށް މި ދިރާސާގައި ބުނެފައިވަނީ ބަދަން ވެސް މި ފަދަ ކާނާތަކުން އިސްތިސްނާ ވެގެން ނުވާ ކަމަށެވެ.
ބޮސްޓަންގައި ހިންގި ދިރާސާއަކުން ދައްކާ ގޮތުން މާބަނޑު އަންހެނުން އެފަދަ ތަކެތި ކާނަމަ ލިބޭ ކުދިން ނަޓްސްއަށް އެލާޖީ ވުން 3 ގުނަ ދުރުކޮށްދޭ ކަމަށެވެ. އެހެން ކަމުން ކުއްޖާ ވިހެއުމަށްފަހު އެލާޖީ ވުމުގެ ފުރުސަތު އިތުރު ނުކޮށްދޭ ކަމަށް ވެސް މިދިރާސާގައި ވެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މާބަނޑު ދުވަސްވަރު ބަދަން ކެއުމަކީ އެންމެ ރަނގަޅު ކަމެވެ. އެހެން ނަމަވެސް މައިމީހާ އަކީ ބަދަނަށް އެލާޖީ ވާ މީހެއް ނަމަ ބަދަން ކެއުމުން ދުރުހެލިވުމަކީ ރައްކާތެރި ކަމެކެވެ.
ތަފާތު ވައްތަރު ތަކުގެ ބަދަނަކީ ހަށިގަނޑަށް އެތަށް ފައިދާއެއް ހިމެނިފައިވާ އެއްޗެކެވެ. ނަމަވެސް ބައެއް މީހުންނަކީ ގިނަފަހަރު ބަދަނަށް އެލާޖީ ހުންނަ މީހުންނެވެ.