ސިއްހީ ދާއިރާގައި ދިހަ އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ނާޒިމާ ސިޔާސީ ދާއިރާ އަށް ނިކުތުމަށް ނިންމައި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީ ،މޫންފުލެޓް ނާޒިމާ އަލީ މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުންނަވަން ގަސްދުކުރެއްވީ ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށް ވިސްނުމަށް ފަހު، އެއިރެއްގެ އޮންނަ ސަރުކާރަކާއި ގުޅިގެން ރަށަށް ތަރައްގީ ގެނެސްދިނުމުގެ މަގުޞަދުގައި ކަމަށެވެ.
ނާޒިމާ މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ ދެ ދާއިރާވެސް ތަމްސީލު ކުރައްވަނީ ރަށުން ބޭރުގެ ދެބޭފުޅުންކަން ފާހަގަ ކުރައްވާ ނާޒިމާ ވިދާޅުވީ ކުޅުދުއްފުށީގައި ވެސް މަޖިލީހަށް ކުރިމަތިލެވޭނެ ފަދަ ޤާބިލު، ޢިލްމީ ދަރިން ތިބިއިރު އެ ދާއިރާތަކަށް ކުރިމަތި ނުލާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑިވެސް ފުރުއްވަން ޖެހޭނީ ކުޅުދުއްފުށީ ދަރިން ކަމަށް ގަބޫލު ކުރައްވާ ކަމަށް ނާޒިމާ ވިދާޅުވި އެވެ. އެއީވެސް މަޖިލީހަށް ކުރިމަތި ލުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނާޒިމާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް)ގެ މިދިޔަ އަހަރުގެ އެމްބެސެޑަރުކަން ވެސް ކުރައްވާފައިވާ ނާޒިމާ މަޖިލީހަށް ކުރިމަތިލައްވަން ނިންމި ސަބަބާބެހޭ ގޮތުން އިތުރަށް ވިދާޅުވީ ރަށުގެ ތަރައްގީއަށް ރައްޔިތުންގެ ހައްޤުގައި އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރެވޭނީ އެ ރަށަށް އުފަން އެ ރަށެއްގެ ފަސްގަނޑު ދެކެ ލޯބިވާ މީހަކަށް ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ނާޒިމާ ކުރިމަތި ލައްވަނީ ޕީޕީއެމްގެ ޓިކެޓެއްގަ އެވެ.
ނާޒިމާ އަކީ ޑައެބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް ވެސް މަސައްކަތް ކުރައްވާ ބޭކަނބަލެކެވެ. ނާޒިމާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. އޭގެ ފަހުން މިހާރު ވަޒީފާ އަދާކުރަމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.