ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 80 ފަރާތަކުން ރަޖިސްޓްރީ ބަދަލުކުރުމަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށް ކުޅުދުއްފުށި ކައުންސިލުން ހާމަކޮށްފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ އިންތިހާބުގެ ކަންކަމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް އިކޮނޮމިކް ޑެވެލޮޕްމެންޓް އޮފިސަރ މުހައްމަދު އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބާ އަޅާ ބަލާއިރު ކައުންސިލް އިންތިޚާބުގައި ރީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދު ކަމަށާއި އެކަމަށްޓަކައި މަސައްކަތް ކޮށްފައިވާ ގޮތްވެސް ތަފާތު ކަމަށެވެ.
ކުޅުދުއްފުށީގެ ދެ ދާއިރާ ވަކި ނުކޮށް އިލެކްޝަނުން ނެރެފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އަށް އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަން ފާހަގަ ކުރައްވަމުން މުހައްމަދު ވިދާޅުވީ ދެ ދާއިރާ ވަކިކޮށް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފާ ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ލިސްޓުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެ އެކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަންވެސް މުހައްމަދު ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ 3288 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު އުތުރު ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 2779 މީހުންނަށެވެ.