ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެމްޑީޕީން ވަކިވުމަށް ނިންމައިފި އެވެ.
މެމްބަރު ރަޝީދު ވަނީ އޭނާ އެމްޑީޕީ އިން ވަކިވާން އުޅޭކަން ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި ޓީވީތަކުގައި ވެސް އަހުމަދު ރަޝީދު ވަނީ އެމްޑީޕީ އާމެދު ހިތްހަމަނުޖެހިގެން ތަފާތު ވާހަކަތައް ދައްކަވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ އާމެދު މެމްބަރު ރަޝީދު ހިތްހަމަނުޖެހިގެން އުޅެނީ ހޯރަފުށީ ދާއިރާއަށް އަހުމަދު ސަލީމް (ސައްލެ) ނެރުމަށް ބައެއް މީހުން މަސައްކަތް ކުރަމުން ދާތީ އެވެ. އަންނަ މަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ޓިކެޓެއް ހޯއްދަވަން އަހުމަދު އެއްވެސް ދާއިރާއަކަށް ކުރިމައްޗެއް ނުލައްވަ އެވެ.
އެމްޑީޕީ އާމެދު ހިތްހަމަނުޖެހިގެން މެމްބަރު ރަޝީދު ވާހަކަ ދައްކަވާފައި ވާއިރު، އާ ކެބިނެޓަށް ރުހުން ދިނުމަށް ނެގިވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އޭނާ ވަނީ ވޯޓުވެސް ދެއްވާފަ އެވެ.