ކުޅުދުއްފުށީ ކައުންސިލާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ސުވާލު ހުށަހެޅުމަށް ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
ކުޅުދުއްފުށީގެ ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ “އާސްކު އެލައިންސް ފޯ ޝައިނިން ކުޅުދުއްފުށި”ން އިންތިޒާމް ކޮށްގެން ބާއްވާ މި ފޯރަމުގައި، ރަށުގެ ތަރައްޤީއަށް ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ސަރުކާރުގެ ރޯޑް މެޕް ތަންފީޒު ކުރުމުގައި ރަށުގެ ތަރައްޤީއަށް އިސްކަންދިނުމަށް ސަރުކާރަށް ބާރު އެޅިދާނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުން ގެންގުޅޭނެ އުސޫލުތަކާ ގުޅޭގޮތުން ސުވާލު ކުރެވޭނެ އެވެ.
މިކަން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތެއް ކަމަށްވާ އަބުދުއްރަޝީދު ސައީދު (އަބުސީ) ވިދާޅުވީ ކެނޑިޑޭޓުންނަށް ސުވާލު ކުރުމުގެ ފޯރަމުގައި މައިގަނޑު ތިން ދާއިރާއެއްގެ ސުވާލު ކެންޑިޑޭޓުންނާ ކުރިމަތި ކުރާނެ ކަމަށާއި އެގޮތުން އިޖުތިމާއީ، ދީނީ އަދި ކުޅިވަރު ތަރައްޤީ ކުރުމާބެހޭ ގޮތުން ސުވާލު ކުރެވޭނެ ކަމަށެވެ. އަދި ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާގެ ހުރިހާ ކެންޑިޑޭޓުންނަށް މި ފޯރަމަށް ދައުވަތު އެރުވިފައިވާ ކަމަށް އަބުސީ ވިދާޅުވި އެވެ.
އަބުސީ ވިދާޅުވިގޮތުގައި ފޯރަމްގައި ކެންޑިޑޭޓުންނާ ސުވާލު ކުރުމުގެ ފުރުސަތު އޯޑިއަންސަށް ހުޅުވާލެވޭނެ ކަމަށާއި އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިފޯރަމަށް ވަޑައިގެންދެވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެކެވެ.
ސުވާލު ކުރުމުގެ ފޯރަމް އޮންނާނީ މިމަހު 8 ދުވަހުގެ ރޭ 8:30 ގައި އަފީފުއްދީން ސްކޫލުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލަށް 19 ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިރު ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާ އަށް 9 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓުން ކަށަވަރުވިހާ އަވަހަކަށް މަޖިލީހަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް ސުވާލު ކުރުމުގެ ފޯރަމެއް ބާއްވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.