ސަރުކާރުން ކުޅުދުއްފުށީގާ އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައި ސާމީ ވިދާޅުވީ އެއާޕޯޓްގެ ކޮންސެޕްޓް ޑިޒައިން ކުރެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ އިތުރުން ފީޒިބިލިޓީ ޓެސްޓުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
ސާމީ އަގީލް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް މިހާރު ވެސް ތިން ލޮކޭޝަނެއް ބަލާފައިވާ ކަމަށާއި އެއާޕޯޓް އެޅުމަށް ބިމުގެ ޖާގަ ކުޅުދުއްފުށިން ލިބޭ ކަމަށެވެ.
އެއާޕޯޓު އެޅުމަށްޓަކައި ކުޅުދުއްފުށީގެ ކުޅި ހިއްކަން ނުޖެހޭނެ ކަމަށާއި ފެށޭ ހަފުތާގެ ތެރޭގައި އެންވަރމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ޓީމެއް، އިތުރަށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅޭނެ ކަމަށާއި ކުޅުދުއްފުށީ ކައުންސިލުން ވެސް އެކަމަށް އެއްބާރުލުން ދޭ ކަމަށެވެ.
ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީނުގެ ރިޔާސީ ވަޢުދެކެވެ.