ހދ ކުޅުދުއްފުށީގައި ހުރި ޖުމްހޫރީ ޕާޓީގެ ޖަގަހަ “އުވާލާ” އެތަން ޕީޕީއެމްގެ ޖަގަހައަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޖުމްހޫރީ ޕާޓީ ކުޅުދުއްފުށިން ބުނެފި އެވެ.
ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީ އުފައްދަން އިސްކޮށް އުޅުނު އަލީ ހުސެއިން(ރޯޝަނީގެ) ބުނީ ޖަގަހަ އުވާލަން ޖެހުމުގެ މައިގަނޑު ސަބަބަކީ ޕާޓީގެ ފަރާތުން ކުޅުދުއްފުށީގެ ހަރަކާތްތަކުގެ ލީޑަރޝިޕްގައި ތިބި ބޭފުޅުން ޕާޓީ އަށް ގައްދާރު ވުމުން ކަމަށެވެ.
ކުޅުދުއްފުށީގައި ހުންނަ ޖުމްހޫރީ ޕާޓީގެ ޖަގަހަ ރަޖިސްޓްރީ ކޮށްފައި އޮންނަނީ އަލީ ހުސެއިންގެ ނަން މައްޗަށެވެ. އޭނާ މިހާރު ނިންމާފައިވަނީ ޖަގަހަ އުވާލާށެވެ.
“މިރަށުގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ރަޖިސްޓްރީ ކޮށްފައި އޮންނާނީ އަޅުގަނޑުގެ ނަން މަތީގަ. އަޅުގަނޑު އޭރުވެސް ބުނިން ޖަގަހައިގެ ރަޖިސްޓްރީ އޮންނަން ޖެހޭނީ ޖުމުހޫރީ ޕާޓީގެ އެހެން ޖަގަހަތައްވެސް ރަޖިސްޓަރ ކޮށްފަ އޮންނަ ނަން މަތީގަ އޭ، އެހެނަމަވެސް އެކަމެއް ވެސް ނުވި. ފުރަތަމަ ވެސް ޖަގަހަ އަށް ކުލިދެއްކީ އަޅުގަނޑުގެ އަމިއްލަ ޖީބުން.” އަލީ ބުންޏެވެ.
އޭނާ ބުނީ މިހުސްވި އަހަރުގެ ރިޔާސީ އިންތިހާބުގެ މެދު ތެރެއިން ޕާޓީއަށް ކުޅުދުއްފުށިން ގުޅުނު ތިން ކައުންސިލަރުން ގުޅުމުން އެބޭފުޅުންނަށް ޕާޓީގެ ލީޑަރޝިޕް ދީގެން، އެބޭފުޅުންގެ ދަށުން މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް ރިޔާސީ އިންތިހާބަށް ފަހު ރަށުގެ ޖޭޕީގެ ލީޑަރޝިޕްގައި އިސްކޮށް އުޅުއްވި އާދަމް ވަހީދަށް ގުޅުމަށް ކުރި މަސައްކަތްތައް ކާމިޔާބު ވެފަ ނުވާކަމަށް އަލީ ބުންޏެވެ.
އަލީ ބުނީ އާދަމް ވަހީދު ޖޭޕީ އާ ގުޅުނުފަހުން 1.6 މިލިއަން ރުފިޔާ ޖޭޕީއިން އާދަމް ވަހީދަށް ޕާޓީއަށް ހަރަދުކުރުމަށް ފޮނުވާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެބަޖެޓް އާދަމް ވަހީދު ހަރަދު ކޮށްފައިވަނީ ތާކުން ތާކު ނުޖެހޭ ގޮތަށް ކަމަށް ވެސް އޭނަ ބުންޏެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީ ފަރާތުން ނެރެފައިވާ 4 ކެންޑިޑޭޓުނަށް ކެމްޕެއިން ކުރާއިރު “އާދަމް ވަހީދު ލަންކާއިން މާލެ އިން ބުރުޖަހަމުންދާ” ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އަލީ އިތުރަށް ވިދާޅުވީ ޖަގަހައިގެ ފަރާތުން ފައިސާ ދައްކަން ޖެހޭ ހުރިހާ ފަރާތަކަށް މިހާރު ފައިސާ ދައްކާ ހަލާސް ކޮށްފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުޅުދުއްފުށިން އުވާލަން ޖެހުނީ މައި ޕާޓީ އާއި ކުޅުދުއްފުށީގައި ޕާޓީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ގުޅުމެއް ނެތުމުން ކަމަށެވެ. އަދި ޕީޕީއެމް އަށް ވަނުމަށް ދައުވަތު ލިބެމުންދާ ކަމަށާއި މުސްތަގުބަލުގައި އަލުން ޕީޕީއެމް އިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅިގެން އާދަމް ވަޙީދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.