ކުޅުދުއްފުށީ ކައުންސިލް އަދި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާ އަށް ކުރިމަތި ލައިފައިވާ ކެންޑިޑޭޓުނަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސުވާލު ފޯރަމްގައި 9 ކެންޑިޑޭޓެއް ބައިވެރިނުވާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތް ހާމަ ކޮށްފި އެވެ.
ކެންޑިޑޭޓުންގެ ފޯރަމް އިންތިޒާމް ކުރާ ފަރާތް ކަމަށްވާ އެލައިންސް ފޯ ޝައިނިން ކުޅުދުއްފުށި (އާސްކު) ގެ މީޑިއާ އޮފިސަރު އިބުރާހިމް ހަސަން (ދަގަނޑޭ) ބުނީ 28 ކެންޑިޑޭޓުންގެ ތެރެއިން 9 ކެނޑިޑޭޓުން ތަފާތު އެކި ސަބަބުތަކަށްޓަކައި ބައިވެރިނުވާކަމަށެވެ.
މިގޮތުން އަމިއްލަ ގޮތުން ކުޅުދުއްފުށީ ރަށު ކައުންސިލަށް ކުރިމަތި ލައިފައިވާ ޝިއުނާ އާދަމާއި އިބުރާހިމް އައްބާސް އަދި އަހުމަދު އާދަމްގެ އިތުރުން ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެކުނު ދާއިރާ އަމިއްލަ ގޮތުން ވާދަކުރައްވާ މުޖުތަބާ އަހުމަދާއި އަބުދުލް ހަމީދު އިބުރާހިމް ފޯރަމްގަ ބައިވެރިނުވަނީ އެ 5 ކެނޑިޑޭޓުންގެ ކެމްޕެއިން މެނޭޖަރ އަލީ އިބުރާހިމް ގަބޫލު ނުވާތީ ކަމަށް އާސްކު އިން މައުލޫމާތު ދެއެވެ.
ޕީޕީއެމް ޓިކެޓެއްގައި ރަށު ކައުންސިލަށް ވާދަކުރައްވާ އައިމިނަތު މަޖީދާ އާއި ޖޭޕީ ޓިކެޓެއްގައި ހދ އަތޮޅު ކައުންސިލުގެ އުތުރު ދާއިރާ އަށް ކުރިމަތިލާފައިވާ އަބުދުﷲ މުހައްމަދަށް ފޯރަމްގައި ބައިވެރިނުވެވެނީ ރަށުގައި ނޫޅުވާތީ ކަމަށް ދަގަނޑޭ ބުންޏެވެ.
މީގެ އިތުރުން އަދާލަތުގެ ޓިކެޓެއްގައި ރަށު ކައުންސިލަށް ކުރިމަތިލާފައިވާ އަބުދުއް ރަޝީދު އަލީ ސިއްހީ ހާލު ހުރިގޮތުން ފޯރަމްގައި ބައިވެރިނުވާ އިރު ކުޅުދުއްފުށީ ރަށު ކައުންސިލްގެ ގޮނޑިއަށް އަމިއްލަ ޓިކެޓެއްގައި ވާދަކުރާ އަބްދުލް ހަމީދު ފޯރަމްގައި ވާހަކަ ދައްކަން އުޒުރުވެރިވާ ކަމަށް ބުނެފައިވާ ކަމަށް އާސްކު މައުލޫމާތު ދެއެވެ.
ކެންޑިޑޭޓުނަށް ސުވާލު ކުރުމަށް ބާއްވާ ފޯރަމް އޮންނާނީ މިރޭ 8:30 ގައި އަފީފުއްދީން ސްކޫލުގެ ހޯލުގަ އެވެ.