ކުޅުދުއްފުށީ ކައުންސިލާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ މެދުގައި ސުވާލު ކުރުމުގެ ފޯރަމެއް ރޭ ބާއްވައިފި އެވެ.
“ކެނޑިޑޭޓުންގެ ފިކުރު – ރައްޔިތުންގެ ނިންމުން” ނަމުގައި ބޭއްވި މި ފޯރަމްގައި އިޖުތިމާއީ، ދީނީ، ކުޅިވަރު ސިޔާސަތުތައް އަދި ސަރުކާރުގެ ރޯޑު މެޕް ތަންފީޒު ކުރުމުގައި ކެންޑިޑޭޓުންގެ ދައުރާ ބެހޭ ގޮތުން ސުވާލުތައް ކުރިމަތި ކޮށްފައިވެ އެވެ.
އެލަޔަންސް ފޯ ޝައިނިން ކުޅުދުއްފުށި (އާސްކު) އިން އިންތިޒާމު ކޮށްގެން ކުރިއަށްދިޔަ މި ފޯރަމްގައި އާންމުންގެ ފަރާތުން ވެސް ކެންޑިޑޭޓުންނަން ސުވާލު ހުށަހެޅުމަށް ފުރުސަތު ދީފައިވެ އެވެ.
ކުޅުދުއްފުށީގެ ދާއިރާ ތަކަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ފޯރަމުގައި ގިނައިން ބައިވެރިވެފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއި ޖޭޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.
މީގެ އިތުރުން ޕީޕީއެމްގެ ފަރާތުން ފޯރަމުގައި ބައިވެރިވެފައިވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ އެންމެ މެމްބަރެކެވެ. އެއީ ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާ އަށް ކުރިމަތި ލެއްވި އުއްމުކުލްސޫމް އިބުރާހިމެވެ. އަދާލަތު ޕާޓީ އިން ބައިވެރިވި ހަމައެކަނި ކެންޑިޑޭޓަކީ މުހައްމަދު އަހުމަދު (ގިނިރާހިގެ) އެވެ. އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ފޯރަމުގައި ބައިވެރިވެފައިވަނީ އިބްރާހިމް އައްބާސް އެކަންޏެވެ.
މި ފޯރަމަކީ ކެނޑިޑޭޓުންގެ ފިކުރު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ވަރަށް މުހިއްމު ފޯރަމެއް ކަމަށް ފޯރަމްގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.