ލޯކަލް ކައުންސިލު އިންތިހާބުގެ ފައިނަލު ވޯޓާސް ލިސްޓު އިއްޔެ އާއްމު ކުރި އިރު އެ ލިސްޓުގައި ކަންބޮޑުވާ މައްސަލަތަކެއް އެބަހުރި ކަމަށް އަމިއްލަ ގޮތުން ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ 5 ކެންޑިޑޭޓުގެ ކެމްޕެއިން މެނޭޖަރ ވިދާޅުވެއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ސުފުރާމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕެއިން މެނޭޖަރ އަލީ އިބުރާހިމް ވިދާޅުވީ އިއްޔެ 3 ޖެހުމާ ކައިރިވެފައިވަނިކޮށް އިލެކްޝަން ކޮމިޝަނުން އާއްމު ކުރި ފައިނަލު ވޯޓާސް ލިސްޓުގައި މައްސަލަ ތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އަލީ ފާހަގަ ކުރައްވާފައިވަނީ ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީގެ ދެދާއިރާގެ ހުރި ގެތައް ބަދަލު ވެފައިވާ ކަމަށެވެ.
“މީގަ ބޮޑަށް މައްސަލަ ދިމާވަނީ އަތޮޅު ކައުންސިލަށް. މިމައްސަލަ ހަމަ އެކަނި ދިމާވަނީ ކުޅުދުއްފުށީ ދެދާއިރާ އަށް. ދެން ފަހަރެއްގައި އައްޑޫ ސިޓީގެ ހިތަދޫ އަށާއި މާލެ ސިޓީ އަށް ދިމާވާނީ. މިވާގޮތަކީ އުތުރު ދާއިރާގެ ބައެއް ގެތައް މިހުރީ ދެކުނު ދާއިރާގަ. ދެކުނު ދާއިރާގެ ބައެއް ގެތައް އުތުރު ދާއިރާގައި މި ހުންނަނީ. އެހެން ކަމަށް ވަންޏާ ވޯޓު ލެވޭނީ ނުބައި ކެންޑިޑޭޓަކަށް.” އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއި ކުރަން ޖެހޭ ގޮތަށް އޮތުމަކީ ވެސް ކަންބޮޑުވާ މައްސަލަ އެއް ކަމަށެވެ.
“ހިތަށް މިއަރަނީ އެކަކުވެސް ސޮއި ނުކޮށްފި ނަމަ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވީގޮތަށް ވެދާނެ ކަމަށް. އެހެން ކަމުން އެކަކުވެސް ސޮއި ނުކޮށްފި ނަމަ އިންތިހާބު ނުބޭވިދާނެ.” އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއި ކުރަން މާލެ ނުގޮސް އެކަން ހައްލެއް ލިބޭތޯ ހދ އިލެކްޝަން ޔުނިޓާ މިއަދު ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ވޯޓާސް ލިސްޓުގައި ހުރި އެހެން މައްސަލަތަކަށް ވެސް ލުޔެއް ލިބޭތޯ އަތޮޅު ޔުނިޓަށް ދާނެކަމަށް އޭނާ ވިދާޅުވި އެވެ.