ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަދާ ސްޕެޝަލައިޒްޑް ޔުނިޓް މި އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެޑިކޭޝަން މިނިސްޓްރީގެ 100 ދުވަހު މަގުޗާޓާ ބެހޭ ގޮތުން ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަކީ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައި އޮތް ދާއިރާއެއް ކަމަށާއި އެހެން ކަމުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ މަގު ޗާޓުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަން ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.
އެގޮތުން ކުޅުދުއްފުށީގައި މި ޔުނިޓް އެޅުމަށް ނިންމާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
އައިޝަތު ޝިހާމް ވިދާޅުވީ މި ފެށޭ ދިރާސީ އާ އަހަރާއެކު މިތަންތަނުން ހިދުމަތް ލިބޭނެ ކަމަށާއި އަހަރުން އަހަރަށް އަތޮޅުތަކުގައި މިފަދަ ޔުނިޓުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި މިދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ގޮތުން ސަރުކާރުން ސްކޮލަޝިޕް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން މި އަހަރު ސްޕެޝަލައިޒްޑް ޔުނިޓް ހެދުމަށް ނިންމާފައިވަނީ ޏ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
މި ދެ ރަށުގެ އިތުރުން ރާއްޖޭގެ އިތުރު 5 ސަރަހައްދެއްގައި ސެން ކުލާސްތަކެއް އެޅުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެއީ ނ، ބ، ތ، ފ، އަދި ކ އަތޮޅެވެ.
މީގެ ކުރިން ވެސް ހދ އަތޮޅު ތައުލީމީ މަރުކަޒުގައި “ސެން” ކްލާހުގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުލާހެއް ވަނީ ހިންގާފައެވެ.