އަޕަ ނޯތް ޔޫޓިލިޓީޒް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޑަރ ހއ.ދިއްދޫ، ބޮކަރުމާގެ، އަބުދުﷲ ވަހީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފި އެވެ.
ވީ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަބުދުﷲ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރެސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ 2011 ވަނަ އަހަރު ހދ ނައިވާދޫ އިންޖީނުގެ އަޕަ ނޯތު ޔޫޓިލިޓީޒްގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އިޢުލާން ނުކޮށް އެތަނުގެ ޕަވާ ހައުސް އެޓެންޑެންޓަކަށް މީހަކު އައްޔަނު ކޮށްފައި ވާތީ އެވެ.
މައްސަލަ ތަހްގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ވަނީ އެތަނުގެ ޕަވާ ހައުސް އެޓެންޑެންޓެއްގެ ވަޒީފާ ދީފައިވަނީ ނަވައިދޫގެ ކުރީގެ ކައުންސިލަރަކަށް އައްޔަނު ކުރި މުހައްމަދު ޝަފީގު އާދަމަށް ކަމަށާއި އެއީ ހަމަ ޖެހިފައިވާ އުސޫލުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެބަޔާނުގައި ވަނީ ޝަފީގަށް ފުރަތަމަ ދީފައިވަނީ ޑެޕިއުޓީ މެކޭނިކެއްގެ ވަޒީފާ ކަމަށާއި އެހެންނަމަވެސް އެމަގާމަށް ދެވަނަ އަށް ކުރިމަތިލީ އެ ކުންފުނީގައި ވަޒީފާ އަދާ ކުރަމުންދާ އަލީ އަކުރަމް ވުރެން ތައުލީމީ ގޮތުން މަތިވުމުން، އެކުންފުނީގެ އެތެރޭގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އޭނާއަށް ޑެޕިއުޓީ މެކޭނިކެއްގެ ވަޒީފާ ދިނުމަށްފަހު އަލީ އަކްރަމު ހުރި ޕަވާހައުސް އެޓެންޑޭންޓުގެ މަގާމު އިއުލާނު ނުކޮށް ޝަފީގަށް އެ މަގާމު ދީފައިވާ ކަމަށެވެ.
“ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދު އާ އެ މައްސަލާގައި ސުވާލުކުރުމުން ބުނެފައިވަނީ އިއުލާން ނުކޮށް ވައްދަން ޖެހިއްޖެ ހާލަތުގައި އިއުލާން ނުކޮށް ވެއްދޭނެ ކަމަށް.” އަބްދުﷲ ވަހީދު އާ ހަވާލާދީ ވީ މީޑިއާގައި ލިޔެފައި ވެއެވެ.
އެހެންނަމަވެސް އަޕަ ނޯތް ޔޫޓިލިޓީޒް މުވައްޒަފުންގެ ގަވާއިދުގައި ބުނެފައި ވަނީ ވަޒީފާއަށް މީހުން ވެއްދޭނީ އިއުލާން ކުރުމަށްފަހުގައި ކަމަށް ވާތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަފީގަށް ނަޖާއިޒް ފައިދާ ހޯދައިދީފައިވާތީ އަބްދުﷲ ވަހީދުގެ މައްޗަށް ދައުވާ ކުރަން ނިންމީ ކަމަށް ވެސް އޭސީސީ އިން ބުނެ އެވެ.