2018 ވަނަ އަހަރު މި ގައުމުގައި އެމްޑީޕީގެ ސަރުކާރެއް ގާއިމު ކުރުމަށްޓަކައި އެންމެ ފުރަތަމަ އަޅަންވީ ބިންގަލަކީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލުތަކަށް އެމްޑީޕީގެ މެމްބަރު އިންތިހާބު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ.
އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ކައުންސިލެއް އިންތިހާބު ކުރަންވީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށެވެ. ފާއިތުވެ ދިޔަ އަހަރު ތަކުގައި ކައުންސިލު ތަކަށް ކަމެއް ކޮށްދެއްވިފައި ނުވަނީ ކައުންސިލުތަކުގެ އަތާއި ފައި ބަނދެފައި އޮތުމުން ކަމަށާއި ކައުންސިލުތަކުގެ ގާނޫނީ ބާރުވެރިކަން ވެސް ލިބިދީފައި ނުވާތީ އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދުގެ ވާހަކައިގައި ކުރީގެ ރައީސް މައުމޫނަށްވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވެއެވެ. އަލީ ވަހީދު ވިދާޅުވީ މައުމޫނުގެ މުސީބާތުން މި ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްޓަކައި އެމްޑީޕީގައި ޝާމިލުވެ ހުންނާނެ ކަމަށެވެ.
“މައުމޫނުގެ މުސީބަތުން މި ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްޓަކައި އަޅުގަނޑު އެމްޑީޕީގައި ޝާމިލުވެ ހުންނާނަން” އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރަން ރޭ ބޭއްވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ނިމިދިޔަ ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި ކަންތައް ވެގެން ދިޔަ ގޮތާމެދު އެމްޑީޕީގެ އާންމު މެމްބަރުން މާޔޫސްވި ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް ޔާމީނުގެ ކެބިނެޓްގެ ވަޒީރުންނަން ރުހު ދިނުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތައްޔާރުވި ކަން އެގޭ ކަމަށާއި އެހެންވެ އެކަން ކަށަވަރު ކުރުމަށްޓަކައި އެދުވަހު ތްރީ ލައިން ވިޕް ނެރުނީ ކަމަށެވެ. ޕާޓީގައި ތިބި “ފީ” ހޮވާ ޕާޓީ ސާފު ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ޒިންމާދާރު ކަމާއެކީ ރާއްޖެ ތަރައްގީ ކުރާނެ ޕާޓީ ކަމަށާއި ރާއްޖެ ތަރައްގީ ކުރުމުގެ ބުންވަރާއި ފަންވަރު ހުރި ޕާޓީ ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބަށް ނުކުންނެވި ޑރ. މުޞްތަފާ ލުތުފީ އާއި އަލީ ވަހީދުގެ އަނބިކަނބަލުން ލީޝާވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ލީޝާ ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާކަން މީގެ ކުރިން އިއުލާނު ކުރައްވާފައެވެ.