ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ޕީޕީއެމް އަށް ސޮއިކޮށްފި އެވެ.
ނަޝީދު ސޮއިކުރެއްވީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހަފްލާއެއް ގައެވެ.
ޕީޕީއެމްއަށް ސޮއި ކުރުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި “ޕާޓީގެ އުސޫލުތަކުގެ މަތިން” އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަ ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރަކަށް ވުމުން އެ ޕާޓީއަށް ގާނޫނީ ގޮތުން ދޭންޖެހޭ ލަފާތައް ދިނުމުގައި ދެމިހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ޕީޕީއެމްއަށް ސޮއި ކުރެއްވި ހަފްލާގައި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވެސް ބައިވެރިވެލެއްވި އެވެ. ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން މައުމޫނު ދެއްކެވި ވާހަކަފުޅުގައި ސަރުކާރު ހިންގާ ޕީޕީއެމަކީ މަގުބޫލް ޕާޓީއަކަށް ހެދުމަށާއި ސަރުކާރަށް ސިޔާސީ ކާމިޔާބީތައް ހާސިލް ކުރުމުގައި މެމްބަރު ނަޝީދަށް ބޮޑު ބައެއް އަދާ ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ނަޝީދަކީ ގާނޫނީ ދާއިރާއިން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ފުންނާބު އުސް ގާނޫނީ ވަކީލެއް ކަމަށެވެ. އަދި ނަޝީދު މިނިސްޓަރުކަން ކުރެއްވި އިރު އޭނާއަކީ “އިހްލާސްތެރިކަމާއި ހިކުމަތްތެރިކަމާއެކު” ވަޒީރުކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮޑިއަށް ނަޝީދު ހޮވިވަޑައިގަތީ މިނިވަން މެމްބަރެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ.