ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ދެގޮނޑި އެމްޑީޕީ އަށް، އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ ދެގޮނޑި ޕީޕީއެމްއަށް ލިބިއްޖެ އެވެ.
އަތޮޅު ކައުންސިލުގެ ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވޯޓުލުމަށް ކުޅުދުއްފުށީގައި ބެހެއްޓުނު 4 ފޮށީގެ ނަތީޖާ އަށް ބަލާއިރު 575 ވޯޓާއެކު އެންމެ ކުރީގައި ވަނީ އެމްޑީޕީ މެމްބަރެއް ކަމުގައިވާ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އާތިފެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އަތޮޅު ކައުންސިލަށް ވާދަ ކުރި އަބުދުލް ލަތީފް ހަސަނެވެ. އޭނާ އަށް ލިބިފައިވަނީ 554 ވޯޓެވެ.
5 ކެންޑިޑޭޓުން ކުރިމަތި މިދާއިރާއިން އެންމެ މަދުން ވޯޓު ލިބިފައިވަނީ އަދާލަތު ޕާޓީގެ ޓިކެޓެއްގައި ކުރިމަތިލި މުހައްމަދު އަހުމަދު (ގިނިރާހިގެ) އަށެވެ. އެދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި އަބުދުލް ހަމީދު އިބުރާހިމް (ރަންކޮކާގެ) އަށް ލިބިފައިވަނީ 434 ވޯޓެވެ. އަދި އަމިއްލަ ގޮތުން އެދާއިރާ އަށް ކުރިމަތިލި އެމްއާރުޑީސީ ކުޅުދުއްފުށީ ސައިޓުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު މުޖުތަބާ އަށް ލިބިފައިވަނީ 389 ވޯޓެވެ.
އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ 2 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވާ 2 ކެންޑިޑޭޓުންނެވެ.
އެދާއިރާއަށް އެންމެ ގިނަ ވޯޓު ލިބިގެން އެއްވަނަ ލިބުނީ ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ރައީސާ އުމްކުލްސޫމް އިބުރާހީމެވެ. އޭނާއަށް 540 ވޯޓު ލިބިފައިވެ އެވެ. 474 ވޯޓާއެކު އެދާއިރާ އިން ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަބުދުﷲ މުހައްމަދު (ނަމޫނާ) އެވެ. މިދާއިރާ އިން އެންމެ ފުލުގައި އުޅެނީ ހދ އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު ޝުކޫރު (ފަރެސް) އެވެ. އޭނާ އަށް ލިބިފައިވަނީ 329 ވޯޓެވެ. 355 ވޯޓާއެކު ތިންވަނާގައި އުޅެނީ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ ހަސަން (ހެލަބެލިމާގެ) އެވެ.
ހދ އަތޮޅު ކައުންސިލުގެ ދެދާއިރާ އަށް ޖުމްލަ 4209 ވޯޓު ލާފައިވެ އެވެ. އަދި ބާތިލު ވޯޓުގެ ގޮތުގައި 519 ވޯޓު ގުނުނެވެ.