ފޮރެންސިކް ސަރވިސް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަޙީދުއާ ބައްދަލުކުރައްވައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުން އޮތީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައެވެ.
މި ބައްދަލުވުމުގައި ހދ.އަތޮޅުގެ ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުހައްމަދު އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިންޗާރޖް ޕޮލިސް ސްޓާފް ސަރޖަންޓް މުހައްމަދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އަޕަރ ނޯތު ޕޮލސި ޑިވިޜަނުގައި ފޮރެންސިކް ތަޙުލީލުތަކުގައި ބޭނުންކުރާ އާލަތްތައް މަދުކަން ފާހަގަކުރައްވައި އެ ޑިވިޜަނުގައި ފޮރެންސިކްގެ އާލާތްތައް އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް އޭސީޕީ ހުސައިން އާދަމް ވިދާޅުވި އެވެ.
އެގޮތުން ފޮރެންސިކް ސަރވިސް ޑައިރެކްޓްރޭޓް އާއި އަޕަރ ނޯތު ޕޮލިސް ޑިވިޜަން އަދި ފައިނޭސް ޑިޕާޓްމަންޓު ގުޅިގެން ކުރަންޖެހޭ ކޮންމެ މަސައްކަތްތަކެއްގައި އެއްބާރުލުންދީގެން އެ މަސައްކަތްތައް ކުރާނެކަމަށް އޭސީޕީ ވިދާޅުވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އޭސީޕީގެ މި ދަތުރުފުޅުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަނުގައި ބޭނުންކުރުމަށްޓަކައި ލައިޓް ސޯސް މެޝިނެއް ވަނީ ހަވާލުކޮށްފައެވެ.
މި މެޝިނަކީ ކްރައިމް ސީންތަކުން ލޮލަށް ނުފެންނަވަރުގެ ތަކެތި ދައްކުވައިދޭ ޚާއްސަ މެޝިނެއް ކަމަށާއި މި މެޝިނުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ކްރައިމް ސީންތައް ތަހުލީލްކުރުމަށް ފޮރެންސިކް ފުލުހުންނަށް ފަސޭހަވެގެން ދާނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ފޮރެންސިކް ސާރވިސްގެ ހެޑްގެ އިތުރުން ފުލުހުންގެ ލޮޖިސްޓިކް ޑިޕާޓްމަންޓުންވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާ ބައްދަލުކޮށް އެ ދާއިރާގައި ހުރި ދަތިތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާފަ އެވެ.