ކުޅުދުއްފުށީގެ ޕްރީ ސްކޫލުތަކަށް ސަރުކާރުން 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި އެވެ.
ކުޅުދުއްފުށީ އޮންލައިންއާ ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް އަލީ ހަސަން ވިދާޅުވީ ސަރުކާރުން ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ޕްރީ ސްކޫލުތައް ހިންގުމަށް ކޮންމެ ވެސް ވަރެއް ގެ އިނާޔަތެއް ދެއްވާ ކަމަށާއި އެހެންނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ސަރުކާރުން ދީފައިވާ ފައިސާގެ އަދަދު ބޮޑު ކަމަށެވެ.
ކުޅުދުއްފުށީގައި ހުންނަ ދެ ޕްރީ ސްކޫލަށް މި އަހަރު ސަރުކާރުން ދީފައިވަނީ 2740000ރ. އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި ހިންގާ ދެ ޕްރީ ސްކޫލުގެ ހަރަދުތައް މި ފައިސާއިން އެއްކޮށް ހަމަނުޖެހޭނެ ކަމަށާއި އަދި އިތުރަށް 872003ރ. ބޭނުންވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު އެދިފައި ވާނޭ ކަމަށް ކައުންސިލު ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިތުރަށް މަދުވާ ފައިސާ ލިބިއްޖެނަމަ މިހާރު ސްކޫލުތަކުން ނަގާ ފީ ވަގުތުން ކަނޑާލާނެ ކަމަށެވެ. އަދި އެ ފައިސާ ލިބި ސަރުކާރުން ވައުދު ވެފައިވާ ޕްރީ ސްކޫލުތަކުގެ ހިދުމަތް ހިލޭ ލިބޭނެ ގޮތް ވީހާ ވެސް އަވަހަކަށް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ދެ ޕްރީ ސްކޫލަށް އަހަރަކު 3612003 ރުފިޔާ ހަރަދުވޭ. ސަރުކާރުން ދީފައިވާ ފައިސާގެ ތެރެއިން މަދުވަނީ 872003 ރުފިޔާ. އެފައިސާ ހޯދުމަށް އެޑިއުކޭޝަނުގައިވާނީ މިހާރު އެދިފަ. އެ ފައިސާ ހަމަޖެހޭ އިރަށް ވަގުތުން މިހާރު ނަގަމުން އަންނަ ފީ ދެ ސްކޫލުން ކަނޑާލާނަން” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
މަދުވާ ފައިސާ ހަމަނުޖެހިއްޖެ ނަމަ ފީ ކަނޑާލާނަން ތޯ ސުވާލު ކުރުމުން ކައުންސިލު ރައީސް ވިދާޅުވީ ދެން ދާން ޖެހޭނީ އިތުރު “އޮޕްޝަނަކަށް” ކަމަށާއި އުއްމީދު ކުރައްވަނީ މަދުވާ ފައިސާ ލިބި ސަރުކާރުން ވެފައިވާ ވައުދު ފުއްދާދޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމެއްގައި ޕްރީ ސްކޫލުތަކުގެ ތައުލީމު ހިލޭ ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދި އެކަން އެގޮތަށް ހަމަޖެހިފައިނުވާ ކަމަށްބުނެ ކުޅުދުއްފުށީގައި ހުންނަ ދެ ޕްރީ ސްކޫލުގެ ބައެއް ބެލެނިވެރިން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކައުންސިލު އިދާރާ ކުރިމަތީ ގައި ހިތްހަމަނުޖެހުން ފާޅު ކޮށްފައި އެވެ.
ކުޅުދުއްފުށީގެ ޕްރީ ސްކޫލު ތައުލީމީ ހޯދާ 976 ދަރިވަރުން އެބަތިބެވެ. ކުޅުދުއްފުށީގައި ޕްރީ ސްކޫލުތަކުން ކޮންމެ ދަރިވަރެއްގެ އަތުން މަހަކު ނަގަނީ 150ރ. އެވެ.