ސަރުކާރު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ހަމަޖައްސަވައިފި އެވެ.
މިނޫހަށް އެކަން ކަށަވަރު ކޮށްދެއްވަމުން ނަސްރު ވިދާޅުވީ ޓިކެޓް ލިބި ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިލެކްޝަން ކޮމިޝަނަށް ހުށައަޅަން ޖެހޭ ލިޔުންތައް ހުށައެޅުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަސްރު އާ ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ ޓިކެޓް ހޯދަވާފައިވާ މިހާރު ވެސް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވަމުން އަންނަ މެމްބަރު އަބުދުލް ޤަފޫރު މޫސާ އެވެ.
ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނަސްރުﷲ ވިދާޅުވީ އޭނާ އެދާއިރާ އަށް ކުރިމަތިލީ އެދާއިރާގެ ގިނަ ރައްޔިތުންތަކެއް އެދުމުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ ރަށް ތަރައްގީ ކުރެވޭނީ ރަށުގެ ދަރިން މިދާއިރާއަށް ނިކުމެގެން ކަމަށާއި ރަށުގެ ދަރިން ކިޔަވައިގެން މި ކަހަލަ ދާއިރާތަކަށް ކުރިމަތި ނުލާ ކުޑަ މުސާރައެއްގައި މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރަށުގެ ދަރިން މިދާއިރާ އަށް ނުނިކުންނަނަމަ ސިޔާސީ ޕާޓީތައް އުފައްދައިގެން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ވޭތުވެ ދިޔަ 82 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގެ ދަރިއަކަށް މަޖިލީހާ ހަމަ އަށް ދެވިފައި ނުވާ ކަން ފާހަގަ ކުރައްވަމުން ނަސްރު ވިދާޅުވީ ހަޤީޤީ ތަރައްގީ ރައްޔިތުންނަށް ލިބޭނީ އެރަށެއް ގެ ދަރިއަކު އެދާއިރާ އިން ނިކުމެގެން ކަމަށާއި މާޒީން އިބުރަތް ލިބިގަތުމަށް އޭނާ ގޮވާލެއްވި އެވެ.
ނަސްރަކީ އެމްޑީޕީ ޓިކެޓްގައި ހދ އަތޮޅު ކައުންސިލުގެ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި ނަސްރުﷲ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.