ޖަޕާނުގެ ކުންފުންޏަކުން ވައިން ކަރަންޓު އުފެއްދުމަށްޓަކައި ކުޅުދުއްފުށީގައި ދިރާސާއެއްކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާއާ ބެހޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު ވިދާޅުވީ ވައިން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ޖަޕާނުގެ ކުންފުނިން މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ދިރާސާގައި ކުޅުދުއްފުއްޓަށް ވައިޖެހޭ މިންވަރާއި އަދި މިނޫން އެހެނިހެން ދިރާސާތައް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކުންފުނީގެ ފަރާތުން ރާއްޖޭގެ އިތުރު ދެތިން ރަށެއްގައި މި ދިރާސާ ކޮށްފައިވާ ކަމަށެވެ.
ޖަޕާނުގެ ކުންފުންޏާ ހަވާލާދީ އާދަމް ވިދާޅުވީ އެމީހުން ވައިން ކަރަންޓު ނެގުމަށް ބޭނުން ކުރާ ބުރަފައްޗަކުން 350 ކިލޯ ވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށާއި އެހެން ކަމުން އޭގެ 4 ބުރަފަތިން ކުޅުދުއްފުއްޓަށް ބޭނުންވާ ކަރަންޓު އުއްފެދޭނެ ކަމަށެވެ.
ޖަޕާނުގެ މިޓީމުން ކުޅުދުއްފުށީގެ ކައުންސިލާ ބައްދަލު ކޮށްފައިވާ ކަމަށާއި ކައުންސިލުން ވެސް މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބުރަފަތި ހަރުކުރުމަށް ކުޅުދުއްފުށީގެ ދެކުނު ކޮޅު ފުއްޓަރު ފަރާތް ދިނުމަށް ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށް އެމްޑަބްލިޔުއެސްސީ އިން ވެސް ވަނީ ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގާފަ އެވެ. އެގޮތުން ކުޅުދުއްފުށީގައި ސޯލާ ޕެނަލްތަކެއް ހަރުކޮށްގެން އެކުންފުނިން އަންނަނީ ހަކަތަ އުފައްދަމުންނެވެ.