ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާ މިހާރުވެސް ތަމްސީލުކުރައްވަމުން އަންނަ މުހައްމަދު ނަޝީދަށް އެ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ޕީޕީއެމް އިން ދީފި އެވެ.
ޕީޕީއެމް އިން ބުނީ ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ދީފައިވަނީ އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމްއިން ކަނޑައަޅާފައިވާ އަދަދުކަމަށްވާ 75 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވަނީ ހަމައެކަނި އެ ފަރާތަށް ކަމަށް ވާތީ ކަމަށެވެ.
ނަޝީދަށް ޕީޕީއެމް ޓިކެޓް ދީފައިވާ އިރު އެ ދާއިރާގެ ޓިކެޓް ހޯދުމަށް ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ކޭޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ސޯލިހު ހުސެއިން އާއި ނާޒިމާ މުހައްމަދު ވެސް އެ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.
ޕްރައިމަރީއަކާ ނުލާ ނަޝީދަށް ޓިކެޓް ދީފައިވާތީ ކުޅުދުއްފުށީގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަން މި ނޫހަށް ވަނީ އެނގިފައެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ނަޝީދަށް ދިނުމުން އޭނަ ވާދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީ ޕާލަމެންޓްރީގެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ގެ އަނބިކަނބަލުން އައިޝަތު ލީޝާއާ އެވެ.
ޕްރައިމަރީ އަކާއި ނުލާ މުހައްމަދު ނަޝީދަށް ޓިކެޓް ދިނުމުން ކުޅުދުއްފުށީގެ ޕީޕީއެމް މެމްބަރުން ތިބީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިހާރުގެ މެމްބަރ މުހައްމަދު ނަޝީދަކީ މަޖިލީހުގެ މަސައްކަތްތަކުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ގިނަ ބިލްތަކެއް ޑްރާފްޓް ކުރެއްވުމުގެ އިތުރުން ކޮމެޓީ މަރުހަލާގައިވެސް ގިނަ މަސައްކަތްތަކެއް ނަޝީދު މަޖިލީހުގައި ކުރައްވާފައިވެއެވެ.
ނަޝީދުއާ ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ލީޝާއަކީ ވެސް ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ބޭކަނބަލެއްކަން ފާހަގަ ކޮށްލެވެއެވެ.