ކުޅުދުއްފުށީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރު ކުރުން އެއީ އެންމެ ބޮޑަށް ބޭނުންވާ އެއްކަންތައްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދު ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދައްކަވަމުން މެމްބަރު ގަފޫރު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ އައު ދައުރަކަށް އޭނާ އިންތިހާބު ކޮށްދެއްވައިފި ނަމަ ކުޅުދުއްފުށީގެ އިގުތިސާދުގެ ތެރެއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ފައިސާ ލިބޭނެ މަގު ކޮށާދެއްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގެ ވިޔަފާރީގެ ސިޔާސަތު ބަދަލު ކުރަންޖެހިފައިވާ ކަމަށާއި މާލޭގެ ވިޔަފާރިވެރިންނަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. މެމްބަރު ގަފޫރު ވިދާޅުވީ ސީދާ ރާއްޖޭ ބޭރުން ކުޅުދުއްފުއްޓަށް މުދާ ގެނެސް، އިގުތިސޯދީ ގޮތުން މުޅިން އާ ހަރުފަތަކަށް ކުޅުދުއްފުށި ގެންނާނެ ކަމުގަ އެވެ.
ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގަފޫރު ވިދާޅުވީ އޭނާ އެންމެ އިސް ކަމެއް ދޭނީ ކުޅުދުއްފުށީގެ އިގުތިސާދު ކުރި އެރުވުމަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ގެސްޓު ހައުސްގެ ވިޔަފާރި އިތުރު ކުރުން އެއީ އޭނާގެ ތަސައްވުރެއް ކަމަށާއި ގެސްޓު ހައުސްގެ ވިޔަފާރި ކުރިއެރުމުގެ ސަބަބުން ރޯނުވަށާ މީހާ އާއި އޮޑި ދޯނި ފަހަރު ދުއްވާ މީހުންނާއި އަތްތެރި މަސައްކަތް ފަދަކަންތައްތައް ކުރާ މީހުންގެ ޖީބަށް ސީދާ ފައިސާ ވަންނާނެ ކަމަށެވެ.
މެމްބަރު ގަފޫރު ވިދާޅުވީ ސަރުކާރުން ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ އެއަރޕޯޓްގެ ވައުދާ ކުޅުދުއްފުށީ ހޮސްޕިޓަލު ތަރައްގީ ކުރުމުގެ ވައުދު ފުއްދުމުގައި ސަރުކާރާ އެކީގައި މަސައްކަތް ކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ ބޮޑުތިލަދުންމަތި ތަރައްގީ ކުރަން ޖެހޭ ކަމަށާއި ބޮޑުތިލަދުންމަތި ތަރައްގީ ކުރެވޭނީ ކުޅުދުއްފުށި ތަރައްގީ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހުން ރައްޔިތުން މަޖިލީހުގައި ވާދަ ކުރައްވަން ނިކުތުމަކީ އެކަމަށް މަރުހަބާ ކިޔާކަމެއް ކަމަށާއި ކުޅުދުއްފުށީ ދާއިރާގެ ގޮނޑީގައި ބައިތިއްބާނެ ބަޔަކު ކަނޑައަޅާނީ ކުޅުދުއްފުށީގެ ރައްޔިތުން ކަމަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިފައިވާ ގަފޫރު ވިދާޅުވި އެވެ.