ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އިއުލާނު ކޮށްފި އެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ އެއާޕޯޓު އެޅުމަށް ކުރާ ހަރަދުގެ ބަދަލުގައި ރިސޯޓެއް ދޭ ގޮތަށް ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން ނިންމާފައި ކަމަށާއި އެއީ ކުޅުދުއްފުށީ ރައްޔިތުން ވަރަށް ދިގު އިންތިޒާރެއް ކުރަމުން އަންނަ ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އެއާޕޯޓު ހަދާ ފަރާތަކަށް ދޫކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވި އެވެ.
މިނިސްޓަރ އަމީން ވިދާޅުވީ އެއާޕޯޓް އެޅުމަށް ނިންމާފައިވަނީ ކުޅުދުއްފުށީގެ އުތުރު ކޮޅުގެ ކުޅީގެ ބައެއް ހިއްކައިގެން ކަމަށެވެ. އަދި ހިއްކާނީ ކުޅި އެއްކޮށްތޯ ނުވަތަ ކުޅީގެ ބައެއް ތޯ އަދި ނުނިމޭ ކަމަށާއި އެކަމަށްޓަކައި ހޯދަންޖެހޭ ހުރިހާ ހުއްދަ ތަކެއް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެއާޕޯޓްގެ މަސައްކަތްތައް ނިމި ކުރިއަށް އޮތް 2 އަހަރެއް ހާ ދުވަހުގެ ތެރޭގައި އެއާޕޯޓްގެ ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށެވެ.
މީގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެއާޕޯޓް އެޅުމަށްޓަކއި ކުޅުދުއްފުށީގެ ކުޅި ހިއްކަން ނުޖެހޭނެ ކަމަށެވެ.
ކުޅުދުއްފުށީގެ ކުޅި އަކީ ރާއްޖޭގައި އޮންނަ ކުޅިތަކުގެ ތެރޭގައި ހިމެނޭ މަށި ކުޅި އެކެވެ.
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ދެނެގަތުމުގެ ސާވޭ އެއް މިދިޔަ މަހުގެ ތެރޭގައި ކޮށްފައި ވެއެވެ.