ވައިކަރަދޫ ދާއިރާގެ ރައްޔިތުންނަށް ހިލޭ ކުޅުދުއްފުއްޓަށް ދަތުރު ކުރެވޭނެ ގޮތް ކެންޑިޑޭޓަކު ހަމަޖައްސައިފި
ރައްޔިތުންގެ މަޖިލިސް ބެހިފައިވާ ދާއިރާ ތަކުގެ ތެރެއިން ވައިކަރަދޫ ދާއިރާގެ ރައްޔިތުންނަށް ހިލޭ ކުޅުދުއްފުއްޓަށް ދަތުރު ކުރެވޭނެ އިންތިޒާމު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ހަމަޖައްސައިފި އެވެ.
3 ރަށެއްގެ މައްޗަށް ބަހާލާފައިވާ އެދާއިރާގައި ހިމެނެނީ ވައިކަރަދޫ އާއި ކުރިނބީ އަދި ނެއްލައިދޫ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން އެދާއިރާއަށް ކުރިމަތިލައްވާފައިވާ އިޤުބާލު އާދަމްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތެރިވާ ފަރާތެއް ބުނީ ދާއިރާގެ ރައްޔިތުންނަށް ކުޅުދުއްފުއްޓަށް ހިލޭ ދެވޭނެ އިންތިޒާމް ހަމަޖެއްސީ ދާއިރާގެ ރައްޔިތުންނަށް ލުއި ފަސޭހަތް ކޮށްދިނުމަށް ކަމަށެވެ. ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އެ ފެރީގައި ކުޅުދުއްފުއްޓަށް ދެވޭނެ ކަމަށް އޭނާ ބުންޏެވެ.
ހަފްތާގެ އެކި ދުވަސް ތަކަށް ބަހާލައިގެން ދާއިރާގެ 3 ރަށުން ފެރީ ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ވައިކަރަދޫ އިން ފުރުން ހަމަޖެހިފަ ވަނީ އަންގާރަ ދުވަހާއި ބުރާސްފަތި އަދި ހޮނިއިރު ދުވަހު އެވެ. ނެއްލައިދޫ ފެރީ އޮންނާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. ކުރިނބީ ގައި މިފެރީ ހަމަޖެހިފައިވަނީ ހަމަ އެކަނި ބުރާސްފަތި ދުވަހު އެވެ.
ކުޅުދުއްފުއްޓަކީ ހދ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުން ތަފާތު ބޭނުން ތަކަށް ކޮންމެ ދުވަހަކު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަންނަ ރަށެކެވެ.