ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ނުބާއްވާ ވަކި މީހަކަށް ޓިކެޓް ދިނުމަކީ އެކަމަށްޓަކައި ފަހަތަށް ޖެހެންވީ ސަބަބެއް ނޫން ކަމަށާއި ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ވެސް ކުޅުދުއްފުށީގެ އުފަން ދަރިޔަކަށް ލިބުމަކީ ނުހަނު އެދޭ ކަމެއް ކަމަށް އަމިއްލަ ގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ ނާޒިމާ އަލީ ވިދާޅުވެއްޖެ އެވެ .
ޕީޕީއެމްގެ ޕްރައިމަރީގައި ނާޒިމާ ވާދަކުރަންވަން ނިންމެވި ނަމަވެސް ޕްރައިމަރީއަކާއި ނުލާ ޕީޕީއެމްގެ ޓިކެޓް ވަނީ މިހާރު ވެސް އެގޮނޑި ފުރުވަމުން ގެންދަވާ މުހައްމަދު ނަޝީދަށް ދީފަ އެވެ. ނާޒިމާ ވިދާޅުވީ ޕްރައިމަރީ ބޭއްވި ނަމަ އެދާއިރާގެ ޓިކެޓް ނާޒިމާ ކާމިޔާބު ކުރެއްވީސް ކަމަށެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން ނާޒިމާ ވިދާޅުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން އޭނާ އެ ގޮނޑީގައި ބައިންދާދީފި ނަމަ އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ރަގަޅު ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ އިތުރުން ތައުލީމީ ދާއިރާ ތަރައްޤީ ކުރުމަކީ ވެސް އޭނާގެ އަމާޒެއް ކަމަށް ނާޒިމާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ނާޒިމާ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި މީގެ ކުރިން ވެސް ބޭނުންވާ ވަރަށް ތަރައްޤީ ރަށަށް ނައިސް ވަނީ މަޖިލީހުގެ ގޮނޑިތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ ޝަކުވާ ސަރުކާރާ ހަމައަށް ނުގެންދިއުމުގެ ސަބަބުން ކަމަށާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން އޭނާ އަށް އިތުބާރުކޮށް އެފުރުސަތު ދީފި ނަމަ ރައްޔިތުންގެ އަޑުތައް ސަރުކާރަށް އިއްވާނެ ކަމަށެވެ. ނާޒިމާ ވިދާޅުވީ އެގޮނޑި ލިބިއްޖެ ނަމަ ކުޅުދުއްފުށީ ރައްޔިތުން ފަހުރުވެރިވާ ފަދަ ތަރައްޤީއެއް ކުޅުދުއްފުއްޓަށް ގެންނާނެ ކަމަށެވެ.
ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑީގައި ވެސް އިންނަ ޖެހޭނީ ކުޅުދުއްފުށީގެ ދަރިން ކަމަށް ދައުވާ ކުރަވަމުން ގެންދަވާ ނާޒިމާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ދެ ދާއިރާއަށް ރަށުގެ ޒުވާން ދަރިން ކުރިމަތިލާފައިވާ އިރު އެފުރުސަތު މިފަހަރު ރަށުގެ ދަރިއަކަށް ދިނުމަށް ކުޅުދުއްފުށީގެ ރައްޔިތުން ކިބައިން އެދޭ ކަމަށެވެ.