ރައްޔިތުން މަޖީލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައިޝަތު ލީޝާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ހުރިހާ ގެއަކަށް ޒިޔާރަތް ކޮށްފި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުރުމުގެ ގޮތުން ލީޝާ ވަނީ އެ ދާއިރާގެ ހުރިހާ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޝަކުވާތަކާއި އިހުސާސްތައް އަޑު އައްސަވާފައި ކަމަށް ލީޝާ ވިދާޅުވި އެވެ. ހުރިހާ ގެތަކަށް ޒިޔާރަތްކޮށް މިއަދު ނިންމާލިއިރު ލީޝާ ވެފައިވަނީ މިފަހަރު ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ތެރެއިން ދާއިރާގެ ހުރިހާ ގޭބިސީތަކަށް ޒިޔާރަތް ކުރި ފުރަތަމަ ކެނޑިޑޭޓަށެވެ.
މިނޫހާ ވާހަކަ ދައްކަވަމުން ލީޝާ ވިދާޅުވީ ދާއިރާގެ ގޭބިސީތަކަށް ޒިޔާރާތް ކުރުމުން ރަށުގައި ރަގަޅު ކުރުމަށް ބޭނުންވާ ގިނަ މައްސަލަތަކެއް ހުށަހެޅި ކަމަށާއި އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތް ރަގަޅު ފެންވަރަކަށް ގެނެސްދިނުމަށް ގިނަ ރައްޔިތުންތަކެއް އެދިފައިވާ ކަން ލީޝާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ދާއިރާގެ ރައްޔިތުން އެދުނު ކަންތައްތައް ކުޅުދުއްފުށީގެ ތަރައްގީގެ ތައްސަވުރުގައި ހިމަނާ އެކަންތައް ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލީޝާ ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ލީޝާ އަކީ އެމްޑީޕީ ޕާލިމެންޓް ގުރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދުގެ އަނބިކަނބަލުންނެވެ. ލީޝާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް 3 ބޭފުޅަކު ވާދަ ކުރައްވަ އެވެ.