ރާއްޖޭގެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ. ހދ އަދި ށ އަތޮޅުގައި ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނުގެ މުއްދަތު މިމަހު 10 ވަނަ ދުވަހު ހަމަވެފައިވާއިރު އެކަމަށް 5 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހާމަ ކޮށްފި އެވެ.
މިނިސްޓްރީން ބުނީ އެ ކަމަށް އެދި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކުން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ކުނފުނިތަކެއް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުއްﷲ ޖަމީލް އަހުމަދު ވިދާޅުވީ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ގިނަ ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ހދ އަތޮޅުގެ ފެރީގެ ހިދުމަތް ދިނުމަށެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ހދ އަތޮޅުގައި ފެރީގެ ހިދުމަތް ދޭނެ ފަރާތެއް މިހާރު “ސެލެކްޓް” ކޮށްފައިވާ ކަމަށާއި މި މަހުގެ ތެރޭގައި އެފަރާތަށް އެކަން ހަވާލުކުރެވޭނެ ކަމަށެވެ.
އެގޮތުން ހދ އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ތިން ފަރާތަކުން ހުށަހަޅާފައިވާއިރު ހއ އަދި ށ މިއިން ކޮންމެ އަތޮޅަކަށް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.
ހއ،ހދ އަދި ށ ގައި ސަރުކާރުން ދެމުން ގެންދިޔަ ފެރީގެ ހިދުމަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.