ބޭނުމަކީ ގާބިލު ތައުލީމީ ކުޅުދުއްފުއްޓެއް އުފެއްދުން ކަމަށާއި އެކަންތައް ރަގަޅު ކުރެވޭނީ ތައުލީމީ ދާއިރާ މަޖިލީހުގެ ތެރެއިން ހަރުދަނާ ކުރެވިގެން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ކެމްޕެއިން ކުރަމުންދާ އަލްއުސްތާޒާ އައިޝަތު ލީޝާ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އެމްޑީޕީ ޖަގަހާގައި ލީޝާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ކުޅުދުއްފުށީގެ ހޮސްޕިޓަލުގެ ހިދުމަތަކީ ރަގަޅު ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލީޝާ ވިދާޅުވީ ޕްރީ ސްކޫލު ތައުލީމުން ފެށިގެން އޯލެވެލްއާ ހަމައަށް ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް ގެނަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޓީޗަރުންނާ ބައްދަލުކޮށް އެބޭފުޅުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި ތައުލީމީ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށެވެ. އެގޮތުން ސްކޫލުތަކުގެ ޖާގަ އާއި ޓީޗަރުންގެ މުސާރަ އަދި އިތުރަށް ސްކޫލުތައް އަޅަން ޖެެހޭނަމަ އެކަންތައް ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ލީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީ ސްކޫލުތަކުގެ ފެންވަރާއި ނަތީޖާ ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިކަންތައް ރަގަޅު ކުރެވޭނީ ތައުލީމީ ދާއިރާ ހަރުދަނާ ކުރެވިގެންކަން ފާހަގަ ކުރައްވަމުން ލީޝާ ވިދާޅުވީ އެ ކަންތައްތައް ކުރުމަށް މަޖިލީހުގެ އެތެރެއިން އެންމެ ގަދައަށް މަސައްކަތް ކުރައްވާނެ މީހަކަށް އެކަމަނާ ވާނެ ކަމަށް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާއަށް 8 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު ކެންޕެއިން ހަރަކާތްތައް އެންމެ ފޯރީގައި ކުރަމުން އަންނަނީ އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރައްވާ ލީޝާ އެވެ.